އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ތާވަލުގެ އެއްވަނަ މަގާމު ހޯދައިފިއެވެ.
މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން 24 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފައެވެ. ލިވަޕޫލްއަށް 9 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
އިނގިރޭސި ކަރަބާއޮ ކަޕުން ކެޓުމަށްފަހު ވަރުގަދަ ލިވަޕޫލް އާއި ދެކޮޅަށް މިކޭލް އާޓޭޓާގެ އާސެނަލް ނިކުތްއިރު އެ ޓީމާއި ދެކޮޅަށް ނިކުތް ލިވަޕޫލުން ވަނީ ފަހަކަށް އައިސް ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށްފައެވެ.
ލިވަޕޫލުގެ އެންފީލްޑްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު, މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 16 ވަނަ މިނިޓުގައި ޑެކްލަން ރައިސް ދިން ޕާހަކުން ކައި ހަވާޓްޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އާސެނަލް އިން ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ފުލުފުލުގައި ނުރައްކާތެރި ދެ ހަމަލައެއް އާސެނަލްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ވެންޑައިކް ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ މަތަކޮށްފައިވާއިރު ފްލޯރިއަން ވާޓްޒް ފޮނުވާލި ބާރު ހަމަވާ ގޮސްފައިވަނީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.
މި މެޗުން އާސެނަލް މޮޅުވިއިރު މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗަކުން އެންފީލްޑުގައި 2012 ވަނަ އަހަރަށްފަހު އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ.
ލިވަޕޫލް ބަލިކޮށް އާސެނަލް އެއްވަނައަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed