ވޮލީ ސީޒަނުގެ ތިން މުބާރާތުގެ މެޗަކުން ބަލިނުވެ، ކުލަބް ވެމްކޯއިން ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފިއެވެ.
މިދިޔަ ފަސް އަހަރަށް ބަލާއިރު، ވެމްކޯއަކީ އަންހެން ވޮލީގެ އެންމެ ކާމިޔާބު ޓީމެވެ. މި ފަހަރުގެ ގައުމީ މުބާރާތުގެ ފައިނަލަށް ވެމްކޯއިން އާދީއްތަ ދުވަހުގެރޭ ނުކުތްއިރު، އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕް އަދި ގައުމީ ލީގު ކާމިޔާބުކޮށްފައެވެ. ގައުމީ މުބާރާތް ވެމްކޯއިން ކާމިޔާބު ކުރީ ފައިނަލުގައި ކުލަބް އެމްޓީސީސީގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.
މިއީ ވެމްކޯއިން ގައުމީ މުބާރާތް ވިދިވިދިގެން ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ގައުމީ މުބާރާތް ކާމިޔާބުކުރީ 2022 ވަނަ އަހަރެވެ. 2023،2024 އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ވެސް ވެމްކޯއެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ވެމްކޯއިން ފެނިގެންދިޔައީ ތަފާތުކޮށެވެ. އޭގެ ފައިދާނަގައި އެ ޓީމުން މި ދެ ސެޓު ގެންދިޔައީ 25-22 އަދި 25-16 އިންނެވެ.

އެކަމަކު ތިންވަނަ ސެޓުގައި އެމްޓީސީސީން ވަނީ ސެޓު ފަށައިގެން ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މި ލީޑުގައި ސެޓުގެ ފަހުކޮޅާ ހަމައަށް އެމްޓީސީސީން ދިޔަ ނަމަވެސް ވެމްކޯއިން ވަނީ ފަހު ވަގުތުކޮޅު އެ ޓީމުގެ މޮޅު ކުޅުން ތަކުރާރުކޮށްފައެވެ. އެކަމަކު އެމްޓީސީސީން ވަނީ ލީޑު ހިފަހައްޓައި، 26-24 އިން ސެޓު ކާމިޔާބުކޮށްފައެވެ.
މެޗުގެ ހަތަރުވަނަ ސެޓުގައި ވެމްކޯއިން ވަނީ ފުރަތަމަ ދެ ސެޓުގެ ކުޅުން ތަކުރާރުކޮށްފައެވެ. މި ސެޓު ވެމްކޯއިން ގެންދިޔައީ، 25-15ގެ ބޮޑު ތަފާތަކުންނެވެ.
ގައުމީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ އެމްޓީސީސީގެ އާމިނަތު ފަރާހަތުއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ވެމްކޯގެ ކުޓިކާ، އެމްޓީސީސީގެ ފެރެނާންޑާ އަދި ވެމްކޯގެ ވަރްނިޔާއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަކީ ވެމްކޯގެ ޖޫޒާން ޒަރީރް، ނަރީމާ އިދުރީސް އަދި އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހްއެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަހުމަދު އަދީލްއެވެ.