އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މި ޚިދުމަތަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީގެ ކުމެވި ޕޯޓަލް މެދުވެރިކޮށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
މި އިންތިޒާމުގެ ދަށުން، ބައިނަލްއަގުވާމީ މާކެޓުތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ދިވެހި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ބައިނަލްއަގުވާމީ ކާޑުތަކުން ދައްކާ ފައިސާ ސީދާ ޔޫއެސް ޑޮލަރުން އެކައުންޓަށް ޖަމާކުރެވޭނެއެވެ. މީގެ އިތުރުން، މި ޚިދުމަތުގެ ދަށުން ލިބޭ ޑޮލަރު، ވިޔަފާރީގެ އެކައުންޓާ ގުޅިފައިވާ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން ސަބްސްކްރިޕްޝަންތަކަށާއި ބޭރުގެ އެކި ޚަރަދުތަކަށް ބޭނުންކުރެވޭނެ އެވެ.
ބީސީސީއިން ވިދާޅުވީ މި ޚިދުމަތަށް އެދެން ބޭނުންވާ ފަރާތްތަކުން www.bcc.mv މެދުވެރިކޮށް މި ޚިދުމަތަށް މިހާރު އެދެވޭނެކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ދަށުން 1 ނޮވެމްބަރ 2026 އިން ފެށިގެން މި އިންތިޒާމު ހަމަޖެހިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވީ މިއީ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންގެ އަތުން ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށެވެ. އަދި ބޭރު ފައިސާއިން ފައިސާ ބަލައިގަތުމުގެ ފުރުޞަތު ފަހިވުމަކީ، ބައިނައަޤުވާމީ ބާޒާރުތަކަށް ވިޔަފާރި ފުޅާކުރުމަށް އެޅޭ ބާރަކަށްވެ، އާމްދަނީ އިތުރުވެ، ކުރިއެރުމުގެ އައު ދޮރުތައް ހުޅުވިގެންދާނެ ކަމެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ، ބީސީސީ އަދި ބީއެމްއެލް ގުޅިގެންނެވެ. މީގެ ސަބަބުން ޚާއްސަކޮށް އެކްސްޕޯޓް ވިޔަފާރިތަކަށާއި، އޮންލައިން އަދި ކްރިއޭޓިވް އިންޑަސްޓްރީގެ ޚިދުމަތްތައް ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދޭ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.