އެމްޓީޑީސީއަށް އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހާރިސް މިހެން ވިދާޅުވީ އެކުންފުނީގެ އައު އޮފީސް އިމާރަތް ހުޅުވުމަށްޓަކައި ބޭއްވި ހަފްލާގައި ވާހަަކަދައްކަވަމުންނެވެ.
އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ ކުންފުނީގެ 20 އަހަރުގެ ތާރީޚުގައި ހޯދިފައިވާ ކާމިޔާބީތައް މަދު ނަމަވެސް ކުންފުނީގެ މުސްތަޤުބަލު ފެންނަނީ ވަރަށް އުއްމީދީ ގޮތަކަށް ކަމަށެވެ. އެގޮތުން އައު އިންވެސްޓުމަންޓުތަކާއި އައު ވިޔަފާރީގެ ތެރެއަށް ވަދެ ކުންފުންޏަށް އާމްދަނީ ލިބޭނެ މަގު ފަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ހާރިސް ވިދާޅުވިއެވެ.
ހާރިސް ވިދާޅުވީ އާމްދަނީ ލިބޭނެ ގޮތަށް އެކުންފުނީގެ އިތުރު އޮފީސް އިމާރާތެއް މާލެ ސަރަހައްދުގައި ހުޅުވުމަށް ވިސްނާފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަމާ ގުޅޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.
"މިކަހަލަ އެހެން ބިނާއެއް މާލެ އޭރިއާގައި ކުރު މުއްދަތެއްގެތެރޭގައި ބިނާކޮށް، އެ މުދާ ބޭނުންކޮށްގެން އާމްދަނީ ލިބޭނެގޮތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން،" ހާރިސް ވިދާޅުވިއެވެ.

މިފަދަ ކޮންމެ އިންވެސްޓްމަންޓަކާއެކު ކުންފުނީގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުވެގެންދާނެ ކަމަށާއި މިއީ އެކުންފުނީގެ ހާސިލްކުރަން މަސައްކަތްކުރާ އެންމެ މުހިންމު އެއް ލަނޑުގަޑިކަމަށް ހާރިސް ވިދާޅުވިއެވެ.
ހާރިސް ވިދާޅުވީ އެކުންފުނިން ބޭނުންވަނީ އެހެން ފަރާތަކަށް ބަރޯސާ ނުވެ، މިހާރު އާމްދަނީ ހޯދަމުންދާ ހަރު މުދާތައް ހިމާޔަތްކޮށް، އާމްދަނީ ލިބޭނެ އިތުރު މަގުތައް ހޯދުން ކަމަށެވެ.
ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާ އޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް، އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. އެމްޓީޑީސީގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އެ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2 މިލިޔަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ 2024 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 1.9 މިލިޔަން އެމެރިކާ ޑޮލަރާއި އަޅާބަލާއިރު 6.5 އިންސައްތަ އިތުރު އަދަދެކެވެ.