އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާއި ދެކޮޅަށް ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ތިންވަނަ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
އަޒަރުބައިޖާނުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކުރި މި ބައްދަލުވުން ކުރިއަށްދިޔައީ އޮކްޓޫބަރު 27 އިން 28 އަށް، އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްގެ އިތުރުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީޙުއެވެ.

އޯއައިސީގެ މެންބަރު އަދި އޮބްޒާވަރ 46 ޤައުމަކާއި ބައިނަލްއަޤްވާމީ 8 ޖަމްޢިއްޔާއަކުން 250 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އޯއައިސީ ޤައުމުތަކާއި ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ. އެގޮތުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން މި މަސައްކަތުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނު އެއް ކަމަކީ، 2023ވަނަ އަހަރު އޯއައިސީގެ މެންބަރު ޤައުމުތަކުން އެކުލަވާލި ކޮރަޕްޝަނާ ދެކޮޅަށް ޤާނޫނު ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމާ ގުޅޭ "މައްކާ އަލްމުކައްރަމާ ކޮންވެންޝަން" އަށެވެ. މި ކޮންވެންޝަނަކީ މަޢުލޫމާތު ބަދަލުކުރުމާއި، އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ދިނުމާއި، ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދޭ މުހިންމު އޮނިގަނޑެކެވެ. މި ކޮންވެންޝަންގައި މެންބަރު ޤައުމުތަކުން ސޮއިކޮށް، ތަޞްދީޤުކޮށް، އެ އުޞޫލުތައް ފުރިހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރިއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ އިދާރާތަކާއެކު ގުޅުން ބަދަހިކުރުމާއި، ދެފުށް ފެންނަ، ނަޒާހަތްތެރި ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މި ބައްދަލުވުމުގެ ސަބަބުން އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވިއެވެ.