ބްރޯޑްކާސްޓު ކުރުމަކީ ހަމައެކަނި ޓީވީއާއި ރޭޑިއޯއާއި ޑިޖިޓަލް މަންސަތަކުގެ ޒަރީއާއިން ދޭ ޚިދުމަތަކަށް ވެގެން ނުވާނެ ކަމަށާއި، ބްރޯޑްކާސްޓު ކުރާ ޕްރޮގުރާމްތަކާއި ޚަބަރުތައް ކޮންމެ ފަރުދަކަށް ވެސް ބަލައި އަޑުއަހައި ބައިވެރިވެ ފަހުމްވުމުގެ ފުރުޞަތު ލިބެންޖެހޭ ކަމަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ޗެއާޕާސަން އާމިނަތު ނަމްޒާ ވިދާޅުވެއްޖެއެވެ.

ނަމްޒާ މިހެން ވިދާޅުވީ، ސްރީލަންކާގެ ކޮލޮމްބޯގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫގެ 15 ވަނަ ބައްދަލުވުމުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި ދެއްވަމުންނެވެ. "ބިއޮންޑް ކަނެކްޓިވިޓީ: މޭކިންގ އެވްރީ އޯޑިއަންސް ކައުންޓް"ގެ ނަމުގައި ހުށަހަޅުއްވައިދެއްވި އެ ޕްރެޒެންޓޭޝަން ބިނާކޮށްފައިވަނީ އޯޑިއަންސްގައި ހިމެނޭ ކޮންމެ މީހަކަށްވެސް ޝާމިލްވާ ގޮތަށް ޚިދުމަތް ދިނުމާ ގުޅޭގޮތުންނެވެ. އެ ޕްރެޒެންޓޭޝަންގައި ހުރިހާ ފަރުދުންނާ ހަމައަށް ކޮންޓެންޓު ފޯރާކަން ކަށަވަރު ކުރުމުގައި ބްރޯޑްކާސްޓަރުންނަށް އޮތް ޒިންމާގެ މައްޗަށް ނަމްޒާ އަލިއަޅުވާލައްވާފައިވެއެވެ.

ނަމްޒާގެ ވާހަކަފުޅުގައި ވިދާޅުވީ، ބްރޯޑްކާސްޓުކުރާ ކޮންޓެންޓް ހުރިހާ ފަރުދުންނާ ހަމައަށް ވާސިލުވާކަން ޔަޤީން ކުރުމަށް ތިން ކަމެއް ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ކޮންޓެންޓް ފަހުމްވާނެ މަގު ތަނަވަސްވުމާއި، އެ ކޮންޓެންޓް ބެލުމަށް ބޭނުންވާ ޓެކްނޮލޮޖީ ލިބިފައިވުމާއި، އެކި ދާއިރާތަކުގެ މީހުން މީޑިއާގައި ހަމަހަމަ ކަމާއެކު ތަމްސީލްވުން ކަށަވަރުކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ހަމައެކަނި ބްރޯޑްކާސްޓު ކުރުމުގެ ޚިދުމަތް ދީގެން އެ ކަންކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި، ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، އުމުރުން ދުވަސްމީ މީހުންނަށާއި، ޓެކްނޮލޮޖީ ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިލާ މީހުންނަށް ކޮންޓެންޓް ވާސިލްވާކަން ކަށަވަރު ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޓެކްނޮލޮޖީ ވާން ޖެހޭނީ، އެންމެންނަށްވެސް އާންމުކޮށް ބްރޯޑްކާސްޓުކުރާ ކޮންޓެންޓްއާ ހަމައަށް ވާސިލުވުމަށް މަގުފަހިކޮށްދޭ ވަސީލަތަކަށް. ޓެކްނޮލޮޖީއަކީ، އޭގެ ސަބަބުން އެ ޚިދުމަތް ބޭނުންކުރާ މީހުންނަށް އިތުރު ހުރަސްތައް ކުރިމަތިކުރާ އެއްޗަކަށްވެގެން ނުވާނެ"، ނަމްޒާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓުކުރުމުގައި ދޭންވާނީ އެންމެން ޝާމިލްވާ އެންމެންނާ ހަމައަށް ފޯރާ ޚިދުމަތެއް: ނަމްޒާ
ބްރޯޑްކާސްޓުކުރުމުގައި ދޭންވާނީ އެންމެން ޝާމިލްވާ އެންމެންނާ ހަމައަށް ފޯރާ ޚިދުމަތެއް: ނަމްޒާ
ކޮލޮމްބޯގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭބީޔޫ)ގެ 15ވަނަ ބައްދަލުވުމުގައިޕީ އެސްއެމް ޗެއާޕާސަން އާމިނަތު ނަމްޒާ ބައިވެރިވެރިވެ ވަޑައިގަތުން -

ރާއްޖޭގެ ތަޖުރިބާއަށް އަލިއަޅުވާލައްވައި ނަމްޒާ ވިދާޅުވީ، ޕީއެސްއެމްއިން ދައްކާ ބޮޑެތި ޤައުމީ ހަފްލާތަކާއި ބައެއް ޚަބަރު ދައްކާއިރު އިޝާރާތުގެ ބަސް ހިމެނޭ ގޮތަށް ޚަބަރުތައް ގެނެސްދޭ ކަމަށެވެ. އޭގެ އިތުރަށް ވެސް ގިނަ ބަޔަކަށް ކޮންޓެންޓް ފޯރުކޮށްދޭ ގޮތްތައް އިތުރަށް ފުޅާކުރުމަށް ސަބްޓައިޓްލް އެރުވުމާއި، އޯޑިއޯ ސިފަކުރުން ހިމެނުން ފަދަ ކަންކަން ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

ނަމްޒާ ވިދާޅުވީ އެދެވޭ ގޮތަކަށް ތަމްސީލު ނުކުރެވޭ ފަރުދުންނަށް ޕީއެސްއެމްގެ ޕްރޮގުރާމްތައް މެދުވެރިކޮށް ސަމާލުކަން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަކިވަކި ފަރުދުންގެ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް އަދި މުޖުތަމަޢުތަކަށް އަމިއްލަ ތަޖުރިބާތައް ޙިއްޞާ ކުރެވޭނެ ފަދަ މާހައުލެއް ޤާއިމްކުރެވޭނެ ގޮތަކަށް އެ ކަންކަން ހަމަޖައްސައި ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މާނަހުރި ގޮތަކަށް އެފަދަ ދާއިރާތައް ތަމްސީލު ކުރެވޭނީ، ބްރޯޑްކާސްޓު ކުރުމުގައި މެދުކެނޑުމެއްނެތި އެ އުސޫލުތައް ފަރިތަކުރާ ނަމަ ކަމަށާއި، ދޭތެރެދޭތެރެއިން ދައްކާލާ ޕްރޮގުރާމެއްގައި އެ ކަންކަން ތަންފީޒު ކުރުމުން ނުފުދޭ ކަމަށްވެސް ވިދާޅުވިއެވެ.

ބްރޯޑްކާސްޓަރެއްގެ ކާމިޔާބީ މިންކުރަންވާނީ، ހަމައެކަނި އެ ޚިދުމަތް އެބަޔަކާ ހަމައަށް ވާސިލުވާ މީހުންގެ ޢަދަދުން ނޫން ކަމަށާއި، ކާމިޔާބީ ފުރިހަމައަށް ވަޒަން ކުރެވޭނީ ޚިދުމަތް ލިބިގަންނަ މީހުންނަށް މާނަހުރި ގޮތަކަށް ޚިދުމަތްދީގެން ކަމަށް ދެއްކުމަށް ނަމްޒާ ވަނީ ބްރޯޑްކާސްޓަރުންނަށް ގޮވާލައްވާފައެވެ.

"ޕަބްލިކް ސާވިސް ބްރޯޑްކާސްޓިންގ ވަޒަންކުރާ މިންގަނޑަކީ ހަމައެކަނި އަޅުގަނޑުމެންގެ ސިގްނަލް ދަތުރުކުރާ ހިސާބެއް ނޫން، އެކަމަކު އެ ޚިދުމަތް އެ ބަޔަކާ ހަމައަށް ވާސިލުވާ މީހުންނަށް މާނަހުރި ގޮތެއްގައި ޚިދުމަތް ދެވޭ މިންވަރު،" އޭނާ ވިދާޅުވިއެވެ.

އޭބީޔޫގެ 63ވަނަ އާއްމު ޖަލްސާއާއި ގުޅުންހުރި ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި 15ވަނަ އޭބީޔޫ ބްރޯޑްކާސްޓިން ފޯ އޮލް ފޯރަމްގައި މީޑިއާގެ ދާއިރާގައި އިސްކޮށް ޙާރަކާތްތެރިވާ ލީޑަރުންނާއި ދާއިރާގެ މަންދޫބުން އެއްތަނަކުން ބައްދަލުވެ، ހުރިހާ ފަރުދުން ވެސް ޝާމިލްވާ ގޮތަށް އަދި ތަމްސީލުވާ ގޮތަށް ޚިދުމަތްދީ އާއްމުންގެ އިތުބާރު އިތުރުކުރެވޭނެ ގޮތްތަކާއި، ހުރިހާ ދާއިރާ އެއްވެސް ތަމްސީލު ކުރެވޭނެކަން ކަށަވަރު ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް ވަނީ ފުރުޞަތު ލިބިފައެވެ.

ބްރޯޑްކާސްޓުކުރުމުގައި ދޭންވާނީ އެންމެން ޝާމިލްވާ އެންމެންނާ ހަމައަށް ފޯރާ ޚިދުމަތެއް: ނަމްޒާ
ބްރޯޑްކާސްޓުކުރުމުގައި ދޭންވާނީ އެންމެން ޝާމިލްވާ އެންމެންނާ ހަމައަށް ފޯރާ ޚިދުމަތެއް: ނަމްޒާ
ބްރޯޑްކާސްޓުކުރުމުގައި ދޭންވާނީ އެންމެން ޝާމިލްވާ އެންމެންނާ ހަމައަށް ފޯރާ ޚިދުމަތެއް: ނަމްޒާ
ބްރޯޑްކާސްޓުކުރުމުގައި ދޭންވާނީ އެންމެން ޝާމިލްވާ އެންމެންނާ ހަމައަށް ފޯރާ ޚިދުމަތެއް: ނަމްޒާ