މި މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި މާލެއާއި ދާއިރާތަކުގައި 10 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިއީ މި އަހަރު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެކި ސަބަބުތަކާހުރެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެކެވެ. މި އިންތިޚާބު އޮންނާނީ މި މަހުގެ 28ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނީ 4 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށެވެ. އެއީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު އަދި ހއ. ވަށަފަރު އަންހެނުންގެ ކޮމިޓީގެ ރައީސާއި އައްޑޫ ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބެވެ.
މީގެ އިތުރުން ނ. ކުޑަފަރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު އިންތިޚާބު ކުރުމަށްވެސް ހުޅުވާލިއެވެ. ނަމަވެސް މުއްދަތު ހަމަވިއިރު އެ މަޤާމަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުން އޭނާއަށް އެ ގޮނޑި ކާމިޔާބު ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މި ބައި އިލެކްޝަންގައި 10 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެއީ މާލޭގައި ބަހައްޓާ 5 ވޯޓު ފޮއްޓާއި ވަށަފަރުގައި ބަހައްޓާ ފޮއްޓާއި ތިނަދޫގައި ބަހައްޓާ ފޮށީގެ އިތުރުން އައްޑޫ ހުޅުދޫގައި ބަހައްޓާ 3 ވޯޓު ފޮއްޓެވެ.
މާލޭގައި ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލާއި ހުޅުމާލެ ސީއެޗްއެސްއީގައެވެ. އަދި އައްޑޫ ހުޅުދޫގައި ވޯޓު ފޮށިތައް ބަހައްޓާނީ އެ ރަށުގެ ކޮމިއުނިޓީ ސެންޓަރުގައި ކަމަށާއި ވަށަފަރާއި ތިނަދޫގެ ފޮށިތައް އެ ރަށު ސްކޫލްތަކުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
https://t.co/D7F7EYHOwK https://t.co/oui2R3pKcB
— Elections Commission (@ElectionsMv)November 1, 2026
މި އިންތިޚާބުގައި ކޮންމެ ދާއިރާއަކުން 2 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި ބައި-އިލެކްޝަންގައި 3،776 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ. އެއީ ވ. ތިނަދޫން 185 މީހުންނާއި ހއ. ވަށަފަރުން 688 މީހުން އަދި އައްޑޫ ހުޅުދޫން 2،903 މީހުންނެވެ.
މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 28ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާހަމައަށެވެ.