ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންތަކެއް ގުޅިގެން ތެލުގެ މުއާމަލާތްތަކެއްގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައިގައި 2 މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 3 މީހެއްގެ މައްޗަށް ދައުވާކުރިއެވެ. މިއީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްގެ އެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ އެފްއެސްއެމް މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅިގެން ފެންމަތިވި ކޮރަޕްޝަނުގެ މައްސަލައެކެވެ.
އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެން ތެލުގެ މުއާމަލާތްތަކެއްގައި ޚިޔާނާތުތަކެއް ހިންގާފައިވާކަމުގެ މައްސަލައެއް ފެންމަތިވެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހަދާފައިވާ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި އެމައްސަލައިގައި ގެއްލުނު ފައިސާގެ އަދަދު 28.3 މިލިޔަން ރުފިޔާއަށް އަރައެވެ. މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށަހަޅާފައިވާއިރު އެ ކޯޓުން ވަނީ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ.
ކުށް ސާބިތުވެފައިވަނީ ޚިޔާނާތް ހިންގިއިރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރުގެ މަޤާމުގައި ހުރި މުޙައްމަދު އައިމަން އާއި އެފްއެސްއެމްގެ ތެޔޮބައުޒަރުގެ ޑްރައިވަރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށެވެ.
ދައުލަތުން މުޙައްމަދު އައިމަންގެ މައްޗަށް އުފުލީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ، ޞައްޙަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްޕީއެލަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބަޔާންކޮށް ޑެލިވަރީ ނޯޓުގައި ސޮއިކުރުމަށް އިރުޝާދުދީ ޕްރޮސެސްކޮށް އެ ކުންފުންޏަށް ލިބިފައިނުވާ 783،100 ލީޓަރުގެ ތެލުގެ އަގަށްވާ 6.8 މިލިޔަން ރުފިޔާ އެފްއެސްއެމަށް ދައްކައި އެ ޑީސަލަށް ޚިޔާނާތްތެރިވެފައިވާތީއެވެ.
ސޮޖިބަށް ދައުވާ ކުރީ އެމްޕީއެލަށް ނުލިބުނު ނަމަވެސް ފައިސާ ދައްކާފައިވާ ތެޔޮ އެ ކުންފުންޏަށް ޑެލިވަރ ކޮށްފައިވާ ކަމަށް ދެއްކުމަށް ޑެލިވަރީ ނޯޓު ހަވާލުކޮށްފައިވާތީ އާއި ސައްޙަނޫން ލިޔުމެއް އުފައްދާފައިވާތީއެވެ. އޭނާގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްޙަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ ދައުލަތުން އުފުލިއެވެ.
މި ކުށްތައް ދެ މީހުންގެ މައްޗަށްވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާއިރު ޚިޔާނާތްތެރިވި މައްސަލައިގައި 8 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި ބަދަލުގެ ގޮތުގައި ޚިޔާނާތްތެރިވި ތެޔޮގެ އަގު ކަމަށްވާ 6.7 މިލިޔަން ރުފިޔާ ދައުލަތަށް ދައްކަން ދެ މީހުންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން ސައްޙަ ނޫން ލިޔުން އުފެއްދި މައްސަލައިގައި އުފުލާފައިވާ ދައުވާގައި ދެ މީހުންގެ މައްޗަށް 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
އެފްއެސްއެމްއާއި އެމްޕީއެލްގެ ތެލުގެ ހިޔާނާތާ ގުޅިގެން 2 މީހަކަށް ހުކުމްކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed