ބަނގްލަދޭޝްގައި އަންނަ ހަފުތާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުރިން އެ ގައުމުގެ ކުރީގެ ކުޅުންތެރިން ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެން ހަމަޖައްސައިފި އެވެ.

މުބާރާތުގެ ކުރިން ކުޅެން ހަމަޖައްސާފައިވާ މި މެޗުގައި އެއްކޮޅުން ވާދަކުރަނީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބަނގްލަދޭޝް އަށް ކާމިޔާބު ކޮށްދިން ޓީމެވެ. އަނެއްކޮޅުން ވާދަ ކުރާނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްއިން ރަންމެޑަލް ހާސިލް ކުރި ޓީމެވެ. މި މެޗު އިންތިޒާމް ކުރުމުގެ ހުރިހާ ކަމެއް ކުރަނީ ބަނގްލަދޭޝްގެ ލޯކަލް އޮގަނައިޒިން ކޮމިޓީންނެވެ.

2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބަނގްލަދޭޝް ކާމިޔާބު ކުރީ ދިވެހިރާއްޖެ ބަލިކޮށްފަ އެވެ. އަމިއްލަ ގައުމުގައި ކުޅުނު މުބާރާތުގ ފައިނަލުގައި ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ބަނގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އެ ގައުމުގެ އަމާޒަކީ ތަށި ހޯދުން ކަމަށާއި މި މެޗަކީ އެކަމަށް ފޯރި ގެނައުމުގެ ގޮތުން ކުޅޭ މެޗެއް ކަމަށެވެ. އަދި އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް މިއީ ހަމައެކަނި ފުޓްބޯޅަ މެޗަކަށްވުމުގެ އިތުރަށް މިއީ ކުރީގެ ތަރިންނާ އެއްތަނަކުން ބައްދަލުވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފަށާނީ އަންނަ އާދިއްތަ ދުވަހު ބަނގްލަދޭޝްގަ އެވެ. ނޮވެމްބަރު 17އާ ހަމައަށް ކުރިއަށްގެންދާ މުބާރާތުގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މުބާރާތުގެ ޓިކެޓްގެ އަގު ބޮޑުވުމެވެ. މި ފަހަރުގެ މުބާރާތުގެ މެޗެއްގެ އެންމެ އާދައިގެ ޓިކެޓެއްގެ އަގަކީ 500 ޓަކާ (ފަސްދޮޅަސް ދެ ރުފިޔާ އަށާވީސް ލާރި) އެވެ. ނަމަވެސް އެއް ދުވަހެއްގައި ދެ މެޗު ކުޅޭތީވެ ޓިކެޓް ވިއްކަން ނިންމާފައިވަނީ ގަނޑުކޮށް ދެ މެޗު އެއްކޮށް 1000 ޓަކާ އަށެވެ. މީގެ އިތުރުން ކޯޕަރޭޓް ބޮކްސް ނުވަތަ ވީވީއައިޕީން ފުރުސަތު ލިބޭނީ 10000 ޓަކާ އަށް އަދި ވީއައިޕީ ޓިކެޓް ވިއްކަން ހަމަޖައްސާފައިވަނީ 7000 ޓަކާ އަށެވެ. އަދި ސްޓޭޑިއަމުގައި އޭސީ ކޮށްފައިވާ ވީއައިޕީ ބައިން ޖާގަ ލިބޭނީ 8000 ޓަކާ އަށެވެ. ބަނގްލަދޭޝްގައި މިއަގުތައް ބޮޑުވެގެން ސަޕޯޓަރުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

ސާފުން ބުނީ މުބާރާތުގެ ޓިކެޓްގެ އަގުތައް ކަނޑައަޅާފައިވަނީ އެ ޖަމާއަތުން ކުރަންޖެހޭ ހަރަދުތަކާއި އެ ނޫން ވެސް ކަންކަން ދެކޮޅު ޖެހޭނެ ގޮތްތަކަށް ބަލާފައި ކަމަށެވެ.

މި ފަހަރުގެ މުބާރާތުގައ ވާދަ ކުރަނީ ސާކުގެ ހަތް ގައުމުގެ ތެރެއިން ހަ ގައުމެވެ. ދިފާއީ ޗެމްޕިއަން އިންޑިޔާ ހިމެނެނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާއެކު ގްރޫޕް އެކެއްގަ އެވެ. ބަނގްލަދޭޝް އާއި ބޫޓާނާއި ސްރީލަންކާ ހިމެނެނީ ގްރޫޕް ދޭއްގަ އެވެ. ސާކުގެ ހަތް ގައުމުގެ ތެރެއިން މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ނޭޕާލެވެ. އެ ގައުމު ވަނީ ފީފާއިން ސަސްޕެންޑް ކޮށްފަ އެވެ.