ބަލަންޑޯ އެވޯޑް ނުވަތަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އިނގިރޭސި ކެޕްޓަން ހެރީ ކޭންއަށް ލިބުނީ އެންމެ 28 ޕޮއިންޓުގެ ތަފާތުންކަން ހާމަކޮށްފި އެވެ.

ބަލަންޑޯ އެވޯޑްދޭ ފްރާންސް މެގަޒިނުން ނެރުނު ވޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބަޔާން މިއުނިކާއި ގައުމީ ޓީމަށް މިދިޔަ އަހަރު65 މެޗުން 73 ލަނޑު ޖަހައިދިން ފޯވަޑް ކޭނާ އަށް ލިބުނީ 1055 ޕޮއިންޓެވެ.

ދުނިޔޭގެ ގައުމީ ކެޕްޓަނުންނާއި ކޯޗުންނާއި ހޮވާލެވޭ ނޫސްވެރިން ވޯޓުލައިގެން ހޮވާ މަގާމަށް ކޭންއާ އެންމެ ގާތުން ވާދަ ކުރީ ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މިދިޔަ ޖުލައި މަހު ހޯދި އެމްބާޕޭ އަށް ލިބިފައިވަނީ 1027 ޕޮއިންޓެވެ.

ތިން ވަނަ އަށް ދިޔައީ ބާސެލޯނާގެ ސްޕޭން ފޯވަޑް ލަމީން ޔަމާލެވެ. އޭނާ އަށް ލިބިފައިވަނީ 881 ޕޮއިންޓެވެ. ކޭން އާއި އެމްބޭޕާގެ ދެމެދުގައި ހުރި 28 ޕޮއިންޓްގެ ތަފާތަކީ 2019 ވަނަ އަހަރު ލަޔޮނަލް މެސީ އާއި ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކާ ދެމެދުގައި ހުރި ފަހަރަށްފަހު ފެނިގެންދިޔަ އެންމެ ހަނި ފަރަގެވެ.

މި ފަޖަރުގެ އެވޯޑްގައި ހަތަރު ވަނަ އަށް ދިޔައީ 2024 ވަނަ އަހަރު ބަލަންޑޯ އެވޯޑް ހާސިލް ކުރި ބާސެލޯނާ އާއި ސްޕޭނުގެ މިޑްފީލްޑަރު ރޮޑްރީ އެވެ. އޭނާގެ ފަހަތުން ފަސް ވަނަ އަށް ދިޔައީ ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ބަލަންޑޯ ހާސިލްކޮށްފައިވާ އާޖެންޓީނާގެ ކެޕްޓަން މެސީ އެވެ. ރޮޑްރީ އަށް 726 ޕޮއިންޓް އަދި މެސީ އަށް ލިބިފައިވަނީ 612 ޕޮއިންޓެވެ.

ހަ ވަނަ އަށް ދިޔައީ ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާ ޕީއެސްޖީގެ ކްވީޗާ ކްވަރަސްކޭލިޔާ އެވެ. އޭނާ އަށް 541 ޕޮއިންޓް ލިބިފައިވާއިރު ހުސްވި އަހަރު ބަލަންޑޯ ހޯދި ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭ ހަތް ވަނަ އަށް ދިޔައީ 418 ޕޮއިންޓާއެކުގަ އެވެ. މި ލިސްޓުގެ އަށް ވަނަ ލިބުނީ މެންޗެސްޓާ ސިޓީ އަށް ކުޅޭ ނޯވޭގެ ފޯވަޑް އާލިން ހާލަންޑަށެވެ. އެއީ 378 ޕޮއިންޓުންނެވެ. ފްރާންސްގެ މައިކަލް އޮލީސޭ އަށް 296 ޕޮއިންޓް ލިބިފައިވާއިރު 10 ވަނަ އަށް ދިޔަ ސްޕޭނާއި ޕީއެސްޖީގެ ފަބިއަން ރުއިޒަށް ލިބުނީ 201 ޕޮއިންޓެވެ.