ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑަށް އައްޔަނުކުރާ މެމްބަރުން ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާއިން ފެންނަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރާކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އެލްޖީއޭގެ އިންތިހާބު ކާމިޔާބުކުރެއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ 2 މެމްބަރުންނަށް މަރުހަބާ ވިދާޅުވެ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި، ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ އަޙްމަދަށާއި، ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް އަލްފާޟިލާ މަރްޔަމް ޒީނާއަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށް، ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ބާރުދެއްވައި، ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ދެ ބޭފުޅުންނަށް ތާއީދުކުރައްވައި ވޯޓުދެއްވި ހުރިހާ ރަށު ކައުންސިލަރުންނަށާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވާކަމަށްއެވެ

މި އިންތިޚާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑަރޝިޕާއި، ޢިއްޒަތްތެރި މަޖިލިސް މެންބަރުންނާއި، ހުރިހާ ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީ ތަކުގެ ރައީސުންނާއި އެންމެހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތްޕުޅަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެވެ.

މިއަދު ބޭއްވި ދެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ވަނީ ލިބިފައެވެ. އޭގެތެރެއިން 706 މީހަކު ވަނީ ވޯޓުލާފައެެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.5 އިންސައްތައެވެ. މި އިންތިޚާބުތައް ބޮޑު އަޤްލަބިއްޔަތަކުން ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނާއި ވާދަކޮށްގެނެވެ.