ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑަށް އައްޔަނުކުރާ މެމްބަރުން ކަނޑައެޅުމަށް ބޭއްވި އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެވެ.

ސިޓީ ކައުންސިލްގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މަޤާމަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށްވާތީ އޭނާ ވަނީ އިންތިޚާބަކާއި ނުލައި އެ މަޤާމަށް ހޮވިފައެވެ. އެހެންކަމުން މިއަދު ބޭއްވީ ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އައްޔަނުކުރާ ދެ މެންބަރުންގެ ހޮވުމުގެ އިންތިޚާބެވެ. މި އިންތިޚާބުތަކުގައި ވާދަކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

މިއަދު ހެނދުނު 10:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދިޔަ އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން މިއަދު ބޭއްވި ދެ އިންތިޚާބުވެސް ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީންނެވެ. އެ ޕާޓީން ވަނީ ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭއަށް އައްޔަންކުރާ މެމްބަރުގެ މަޤާމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އައްޔަންކުރާ މެމްބަރުގެ މަޤާމު ކާމިޔާބުކޮށްފައެވެ.

މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ވަނީ ލިބިފައެވެ. އެއީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށެވެ.

އެލްޖީއޭއިން ވިދާޅުވީ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރާނެ ކަމަށާއި ގަވާއިދާ އެއްގޮތަށް ދާއިމީ ނަތީޖާ 3 ނޮވެމްބަރުގައި އިއުލާންކުރާނެ ކަމަށް ވިދާޅުވިއެވެ.