މިހާރު ކުރިއަށްދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް މިހާތަނަށް 2 ލައްކަށްވުރެ ގިނަ މީހުން ޒިޔާރާތްކޮށްފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ކާމިޔާބީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަަދު ސަޢީދު ވިދާޅުވީ، 10 އަހަރުގެ މެދުކެނޑުމަކަށްފަހު 2025 ވަނަ އަހަރު މަޢުރަޒާއި އެކްސްޕޯ ވިލުންތެރި ވިސްނުންތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މިހާރު ބާއްވަމުންދާކަމަށެވެ. އަދި އަހަރުން އަހަރަށް މިކަންކުރާގޮތްވެސް ގެންދަނީ ތަރައްޤީ ކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ
ވަޒީރު ސަޢީދު ވިދާޅުވީ އޭގެ ބޭނުމަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއަށް އިތުރު ކުރިއެރުންގެނެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒާއި އެއްގޮތަށް 2030ގެ ކުރިން ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15އަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި ހެދުންކަމަށެވެ.
މައުރަޒު ފެށިގެން މިހާތަނަށް އައިރު ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށާއި މޯލްޑިވްސް އެކްސްޕޯއަށް ޖުމްލަ 205،000މީހުން ވަނީ ޒިޔާރަތްކޮށްފައިކަމަށާއި އެއީ އެވްރެޖުކޮށް ދުވާލަކު 41،000 މީހުންކަމަށް ސައީދު ވިދާޅުވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށާއި މޯލްޑިވްސް އެކްސްޕޯ އަށް މިހާހިސާބަށް ޖުމްލަ 205،000މީހުންވަނީ ޒިޔާރަތްކޮށްފަ. އެއީ އެވްރެޖުކޮށް ދުވާލަކު 41،000 މީހުން.
10އަހަރުގެ މެދުކެނޑުމަކަށްފަހު 2025 ވަނަ އަހަރު މިމަޢުރަޒާއި އެކްސްޕޯ ވިލުންތެރި ވިސްނުންތަކާއި އެކު ވަރަށް ފުޅާދާއިރާއެއްގައި މިހާރު މިދަނީ ބާއްވަމުން.
އަދި އަހަރުން އަހަރަށް މިކަންކުރާގޮތްވެސް މިގެންދަނީ ތަރައްޤީ ކުރަމުން. ބޭނުމަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ އަށް އިތުރު ކުރިއެރުންގެނެސް ރަޢީސް ޑރ. މުޢިއްޒުގެ އަމާޒު ކަމުގައިވާ “ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15އަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި 2030ގެ ކުރީން ހެދުން
#MaldivesExpo2026 #Maurazu26 #DhiveheenahIskan #DhivehingeUfehdhun #MvExpo2026WeekendSpecial— Mohamed Saeed (@em_saeed)October 31, 2026
މިއަހަރުގެ މައުރަޒުގައި 7 ޑިސްޓްރިކްޓެއް ވަނީ ގާއިމުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ، މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ދައްކާލުމަށް ޚާއްޞަ ޑިސްޓްރިކްޓް، އުފެއްދުންތެރި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ޚާއްޞަ، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، މުނިފޫހިފިލުމުގެ އެކި ޙަރަކާތްތަކާއި ދިވެހި ސަޤާފީ ޙަރަކާތްތައް ދައްކާލުމަށް ޚާއްޞަ، އެންޓަރޓައިންމަންޓް ޑިސްޓްރިކްޓެވެ.
މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާއި އަޅާ ބަލާއިރު، %83.5 ގެ ކުރިއެރުމެކެވެ. މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މި މައުރަޒުގައި ވަރަށް އިސްނަގައިގެން ބައިވެރިވެފައެވެ.