ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ އެސް-ސެވަން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

އެސް-ސެވަން އެއާލައިންއަކީ މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ދަތުރުތައް ފެށި ފުރަތަމަ އެއަރލައިންނެވެ.

ރަޝިޔާގެ ނޯވޯސިބިއެސްކްއިން ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް، އެސް-ސެވަން އެއާލައިންގެ ފުރަތަމަ ދަތުރު ބޭއްވީ ހުކުރު ދުވަހުއެވެ. މިއީ 10 ގަޑިއިރުގެ ދަތުރެކެވެ.

އެސް-ސެވަން އެއާލައިންގެ ދަތުރުތައް ފެށުން ފާހަގަކޮށް، ވީއައިއޭއިން ވަނީ ފަސިންޖަރުންނަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ އެސްސެވަންގެ ދަތުރުތައް ހަފުތާއަކު 2 ދުވަހު ބާއްވާނެކަމަށެވެ. އެއީ ހޯމަ އަދި ހުކުރު ދުވަހެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކެވެ. މި ދަތުރުތަކަކީ ފިނި މޫސުމާއި ދިމާކޮށް ފެށި ދަތުރުތަކެކެވެ.

މި ދަތުރުތަކަށް މަގުފަހިވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު، މުޙައްމަދު އަމީން ރަޝިޔާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. މިއަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިންއަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރަޝިޔާއަކީ ރާއްޖެއަށް 2 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 229،200އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 15 އިންސައްތައެވެ.