ލުބުނާނުގެ ދެކުނުގެ އެކި އަވަށްތަކަށް އަމާޒުކޮށް ޔަހޫދީ ދައުލަތުގެ އިސްތިޢުމާރީ ސިފައިން ދެމުންގެންދާ ޢުދުވާނީ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، މީހުން ދިރިއުޅޭ ގެދޮރާއި ޢިމާރާތްތައް ސުންނާފަތިކުރަން ފަށައިފިއެވެ.

ލުބުނާނުގެ ރަސްމީ ނޫސް، އެންއެންއޭއިން ބުނީ، ޔަހޫދީ ސިފައިން ވަނީ ޚިޔާމް، ޤަންޠަރާ އަދި ޠައިރީ ފަދަ އަވަށްތަކަށް ވަރުގަދަ ބަޑީގެ ހަމަލާތައް ދީ، ބައެއް ގެތަކުގައި ހުޅުޖަހައިފައިވާ ކަމަށެވެ.

މީގެއިތުރުން، ބައެއް ސަރަހައްދުތަކަށް ބަރު ހަތިޔާރު ބޭނުންކޮށްގެން ހަމަލާތައް އަމާޒުކުރުމުގެ ސަބަބުން، އާންމުންގެ ގެދޮރާއި މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވަނީ، އެމެރިކާ މެދުވެރިވެގެން ފްލޮރިޑާގައި ކުރިއަށްދިޔަ ސުލްޙައިެ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބި ނާކާމިޔާބުވެފައިވާ ދަނޑިވަޅެއްގައެވެ.

ދެފަރާތުގެ ދެމެދުގައި މިދިޔަ ޖޫން މަހު އެކުލަވާލެވުނު އެއްބަސްވުމުގައި، ޔަހޫދީން ހިފާފައިވާ ލުބުނާނުގެ ބިންތަކުން ފޭބުމަށް ޝަރުތުކޮށްފައިވީ ނަމަވެސް، ލުބްނާނުގެ 50 އަށް ވުރެ ގިނަ އަވަށް އަދިވެސް އޮތީ ޔަހޫދީންގެ ޣައިރުޤާނޫނީ ބާރުގެ ދަށުގައެވެ.

ޔަހޫދީންގެ މި ހުއްޓުމެއްނެތް ޢުދުވާނުގައި، ފާއިތުވި މަސްތަކުގެ ތެރޭގައި އެކަނިވެސް 4،300 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 12،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އަދި ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހި، އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދަން މަޖުބޫރުވި މީހުންގެ އަދަދު މިހާރު ވަނީ އެއް މިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ.