އޮކްޓޫބަރު މަހު ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ދެހާހަށްވުރެ ގިނަ މެންބަރުންނަށް 14.84 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދެ ބައެއްގެ މައްޗަށެވެ. އެއީ ވަޒީފާއިން މުސްކުޅިކުރާ ޢުމުރުގައި މާލީ ރައްކާތެރިކަން ހޯދުމަށް ފައިސާ ރައްކާކުރުމުގެ ފުރުޞަތު ފަހިކޮށްދޭ "މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް" އަދި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެމުން އަންނަ "އަސާސީ ޕެންޝަން" އެވެ.

މީގެއިތުރުން، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ދެވޭ ޚާއްޞަ ޢިނާޔަތްތަކާއި، ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް ޕެންޝަންތައް ހިންގާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް އަދާކުރަމުންދަނީ ޕެންޝަން އޮފީހުންނެވެ.

އަސާސީ ޕެންޝަނުގެ ގޮތުގައި މިދިޔަ މަހު ވަނީ 27،420 މީހުންނަށް ޖުމްލަ 128.98 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ދޮށީ ޢުމުރުގެ ރައްޔިތުން ފަޤީރުކަމުން ރައްކާތެރިކޮށް، އެ ފަރާތްތަކަށް އެކަށޭނަ އަސާސީ އާމްދަނީއެއް ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޢިނާޔަތެކެވެ.

ރިޓަޔަރމަންޓް ޕެންޝަން ސްކީމުން 14.84 މިލިޔަން ރުފިޔާ ދޫކޮށްފި
ރިޓަޔަރމަންޓް ޕެންޝަން ސްކީމުން 14.84 މިލިޔަން ރުފިޔާ ދޫކޮށްފި

ޕެންޝަން އޮފީސް / ފޮޓޯ މޯލްޑިވްސް ފައިނޭންޝިއަލް ރިވިއު

އަދި ދިގު މުއްދަތުގެ ޚިދުމަތުގެ ޕެންޝަންގެ ގޮތުގައި 2،198 މީހުންނަށް 4.30 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ ދައުލަތުގެ މުއައްސަސާތަކުގައި 20 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޫކުރެވޭ ޕެންޝަނާއި ޢިނާޔަތްތަކެވެ.

ދައުލަތުގެ އެހެނިހެން ޕެންޝަންގެ ގޮތުގައި 4،847 ފަރާތަކަށް 26.06 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ ދައުލަތުގެ އެކި މުއައްސަސާތަކާއި ޔުނިފޯމް އެޅި ޚިދުމަތްތަކުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ، ޝަރުޠުހަމަވާ މުވައްޒަފުންނަށް ދެވޭ ރިޓަޔަރމަންޓް ޢިނާޔަތެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އިން މިދިޔަމަހު ވަނީ 2،773 މީހުންނަށް 14.84 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން މަހުން މަހަށް ޖަމާކުރާ ފައިސާ (ކޮންޓްރިބިއުޝަން) ގެ މައްޗަށް ބިނާވެފައިވާ ސްކީމެކެވެ. މި ސްކީމުގެ މައިގަނޑު ބޭނުމަކީ ވަޒީފާ އަދާކުރާ ދުވަސްވަރު ފައިސާ ރައްކާކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ވަޒީފާއިން ވަކިވުމަށްފަހު ދެމެހެއްޓެނިވި އާމްދަނީއެއް ކަށަވަރުކޮށްދިނުމެވެ.