ބޯހިޔާވަހިކަމުގެ ދާއިރާއިން މި ފާއިތުވި އެއްވެސް ސަރުކާރެއްގައި ނުލިބޭހާ ގިނަ ފުރުޞަތުތައް، މި ސަރުކާރުން ރައްޔިތުންނަށް ހޯދައިދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޭޝަން ޗެޓްގައި ވާހަކަފުޅުދައްކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ފާއިތުވި 3 އަހަރުވެސް ހިތްހަމަޖެހޭފަދަ ގިނަ މަސައްކަތްތަކެއްކޮށް، ކުރިއެރުންތައް ހޯދާފައިވާކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާތުތަކުގެ ކުރީކޮޅު، ބޯހިޔާވަހިކަމުގެ ދާއިރާއިން ނުކުރާހާ ގިނަ މަސައްކަތްތައް މި ސަރުކާރުގެ 3 އަހަރުގައި ކޮށްފައިވާކަމަށެވެ.
ސަރުކާރުގެ ޢަމާޒަކީ ކޮންމެ ރައްޔިތަކީވެސް ކޮންމެވެސް އެއް މަޝްރޫޢަކުން، އަމިއްލަ ބޯހިޔާވާހިކަމެއް ލިބިފައިވާ ރައްޔިތެއްކަން ކަށަވަރުކުރުމެވެ. އެގޮތުން މަސައްކަތްތައް ބައްޓަން ކޮށްފައިވަނީ 3 ބަޔަކަށެވެ. އެއީ ސަރުކާރުން ދޫކުރާ ގޯއްޗާއި، މަސައްކަތް ނިންމާ ދޫކުރާ ފްލެޓްތަކާއި އަދި ބޭންކް މެދުވެރިކޮށް އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ދޫކުރާ ލުއި ފަނޭންސިން ފެސިލިޓީތަކުގެ މައްޗަށެވެ.
"މިހާތަނަށް އެއްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަން މިދެނީ. އެއީ ސިޔާސަތަކީ. މި 3 އަހަރު ވަރަށް ގިނަ މަސައްކަތްކޮށް ކުރިއެރުން ލިބިއްޖެ. ސަރުކާރެއްގެ ފުރަތަމަ 3 އަހަރު މިހާ ގިނަ މަސައްކަތް ކުރެވިފައެއް ނެތް. މުޅި 5 އަހަރު ނިމޭއިރު، އެތަނަށް ގުނައެއް އިތުރު މަސައްކަތް ކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، އަމިއްލަ ބިންތަކުގައި ގެދޮރު އެޅުމާއި އަދި ފްލެޓް ގަތުމަށް ސަރުކާރުން ފޯރުކޮށްދޭން ފެށި މާލީ އެހީތެރިކަމެވެ. ސަރުކާރުގެއް ޚާއްސަ ފަންޑެއްގެ ތެރެއިން، އަނބުރާ ދައްކަން ނުޖެހޭގޮތަށް އިކުއިޓީ ފައިސާ ދެއްކުމަށް އެހީވުމަށް ވަނީ ނިންމާފައެވެ.
"ގޯތީގައި ގެ އަޅަން 2 ލައްކައާއި ހަމައަށް އަދި ފްލެޓް ގަންނަން 2ލައްކަ 50 ހާހާ ހަމައަށް އިކުއިޓީ މި ދެނީ. މިއީ ވަރަށް ބޮޑު ލުޔެއް. އަންނަ އަހަރުގެ ބަޖެޓުގައި 750 މިލިޔަން އެފަންޑަށް ލާން ވަނީ ނިންމާފައި. މިހާރުވެސް 250 މިލިޔަން ލައިފިން. އެހެންވީމަ އަންނަ އަހަރު މި ފަންޑުން ބިލިޔަނެއްހާ ރުފިޔާ އެބަ ހޭދަކުރެވޭ." ރައީސް ވިދާޅުވިއެވެ.
މި އިކުއިޓީއަކީ ސަރުކާރަށް އަނބުރާ ދައްކަން ނުޖެހޭގޮތަށް ދޭ ފައިނޭންސް ފެސިލިޓީއެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ އެތައް ހާސް ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމުގެ ދޮރު ހުޅުވިގެންދާނެ މަސައްކަތެއްކަމަށެވެ. ބޯހިޔާވަހިކަމުގެ ދާއިރާއިން ސަރުކާރުން ކަނޑައަޅާފައިވާ ޢަމާޒުތަކަށް ވާސިލުވެވޭނެކަމުގެ ޔަޤީންކަން ވަރަށް ބޮޑަށް އެބައޮތްކަމަށެވެ.
"އަޅާ ނިމި ހަވާލުކުރެވޭ ފްލެޓްތައް ގިނަވާނެ. ދެން ހިމެނޭ މަޝްރޫޢުތަކުގައި ސްޓްރަކްޗަރ ނިމި ރެޖިސްޓްރީ ހަދައިދެވޭނެ. ބޭންކް މެދުވެރިކޮށް ގިނަ ފުރުޞަތުތައް ފަހިވާނެ." ރައީސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދަށް ބަލާއިރު، 4000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ދަނީ ކުރިއަށެވެ. އިތުރު މަޝްރޫޢުތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.
އަތޮޅުތަކުގައި 57 ރަށުގައި ފްލެޓް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ހިޔާވެހި ފައިނޭނެސްސިން ސްކީމްގެދަށުން، އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ 800 އަށްވުރެ ގިނަ ފަރުދުންނަށް ވަނީ ފޯރުކޮށްދީފައެވެ.
ސަރުކާރުން ވަނީ ގެދޮރު އިމާރާތްކުރުމަށް ބޭންކް މެދުވެރިކޮށް ނަގާ ލޯނުތަކުގެ އިކުއިޓީ %20 އިން %5 އަށް ކުޑަކުރުމަށްވެސް ނިންމާފައެވެ.