އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ދެކުނު ސިޓީއެއް ކަމުގައިވާ އަލް-ޚަލީލުގައި، ޔަހޫދީ ދެ ސިފައިން މަރާލި ފަލަސްޠީނުގެ ދެ މުޖާހިދެއްގެ ގެތައް ޔަހޫދީ ފައުޖުތަކުން ގޮއްވައިލާ، ސުންނާފަތި ކޮށްލައިފިއެވެ. މިއީ، އެ ސިޓީ ޙިޞާރުކޮށްގެން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އަށްވަނަ ދުވަހު ހިންގި ޖަރީމާއެކެވެ. ޔަހޫދީ ސިފައިން ތަޅައިލީ އަޙްމަދު އަދި ޙައްމޫދާ އަލް-ޖަޢަބާގެ ގެތަކެވެ. އެ ދެބެއިން ޝަހީދުކޮށްލީ އޮކްޓޫބަރު 23 ގައި ފަރްޝް އަލް-ހަވާ ޗެކްޕޮއިންޓް ކައިރީގައި ޔަހޫދީ ދެ ސިފައިން މަރާލައި، ތިން މީހުން ޒަޚަމުކޮށްލި ހަމަލާއަށް ފަހުގައެވެ.

ޔަހޫދީ ސިފައިން އެ ގެތަކުގައި ގޮވާތަކެތި ހަރުކުރުމަށް މަދުވެގެން ނުވަ ގަޑިއިރު ހޭދަކުރި ކަމުގައި މަޞްދަރުތަކުން ބުނެއެވެ. މީގެ އިތުރުން، ޢައިން ދައިރު ބަޙާ އަވަށުގެ ރައްޔިތުން ގެދޮރުން ނެރެ، ބައެއް ގެތައް ވަނީ އަސްކަރީ މަރުކަޒުތަކަށް ބަދަލުކޮށްފައެވެ. މި ހަމަލާތަކާ ގުޅިގެން 780 ޢާއިލާއަކުން 4،969 ފަލަސްޠީނު ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމުގައި ޚަލީލުގެ މުނިސިޕަލްޓީން ބުންޏެވެ. އަދި، އޮޕަރޭޝަން ފެށުނު ފަހުން 120 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މަސްރަޙު ދިރާސާކުރައްވާ ދާރިސް، ރާއިދު ނުޢައިރާތު ވިދާޅުވީ، މިއީ ފަލަސްޠީނު ރައްޔިތުންގެ އަޒުމް ގުޑުވާލުމަށް ދޭ "ޖަމާޢީ އަދަބެއް" ކަމުގައެވެ. "މިއީ، ފަލަސްޠީނު މުޖުތަމަޢު 20 ނުވަތަ 40 އަހަރު ފަހަތަށް ޖައްސައި، މުޅި ހުޅަނގު އައްސޭރި އަސްކަރީ ސަރަޙައްދަކަށް ހަދާލުން،" ފަދަ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، މިއީ ސިޔާސީ މަގުސަދެއްގައި ހިންގާ ޖަރީމާތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ޙަމާސް ޖަމާއަތުން ބުނީ، މިއީ ފަލަސްޠީނުގެ ވުޖޫދު ނައްތާލުމަށް ރޭވިގެން ހިންގާ ނިޒާމީ ނަސްލުހޭދުގެ ކެމްޕޭނެއް ކަމަށާއި، މި ޖަރީމާތައް ހުއްޓުވަން ބައިނަލްއަޤުވާމީ ފެންވަރުގައި ފިޔަވަޅުތަކެއް އަވަހަށް އަޅަންޖެހޭ ކަމުގައެވެ. މި ދަނޑިވަޅުގައި ބައިތުލަޙްމު އަދި ނާބުލުސް ކައިރީގައި ޒައިތޫނި ބިންނަން ތިބި މީހުންނަށް ވެސް ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިންނާއި ސިފައިން ވަނީ ހަމަލާދީފައެވެ. މި ފަދަ ލާއިންސާނީ ޖަރީމާތައް 2023 އޮކްޓޫބަރު މަހުން ފެށިގެން ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.