އެމެރިކާ މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، ލުބްނާނުގެ ދެކުނަށް ޔަހޫދީ ސިފައިން ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ. މި ގޮތުން، އެކި ސަރަޙައްދުތަކުގައި ހުރި ގެދޮރާއި އިމާރާތްތައް ގޮއްވައިލައި، އާޓިލަރީ ބަޑީގެ ހަމަލާތަކާއި ބަޑީގެ ހަމަލާތައް ދެމުންދާ ކަމުގައި ލުބްނާނުގެ މަޞްދަރުތަކުން ބުނެއެވެ. މީގެއިތުރުން، ޔަހޫދީ ފައުޖުތަކުން ބަޑީގެ ވަރުގަދަ ހަމަލާތައް ދީ، ޚިޔާމް އަދި ޤަންޠަރާ އަވަށުގެ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިކުރުވާފައިވާ ކަމަށާއި، ޤަންޠަރާގައި ހުރި ގެތަކެއްގައި އަލިފާން ރޯކޮށްލި ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.
ބިންތު ޖުބައިލް ޑިސްޓްރިކްޓްގެ ޠައިރީ އަވަށުގައި ޔަހޫދީ އަސްކަރިއްޔާއިން ބާރުގަދަ އެއްޗެއް ގޮއްވާލާފައިވާ ކަމަށާއި، ތޫލީން އަވަށާ ދިމާލަށް ވާދީ އަލް-ޙުޖައިރަށް 155 މިލިމީޓަރުގެ އާޓިލަރީ ބަޑި ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުނެއެވެ. މީގެއިތުރުން، ޢަރުޤޫބްގެ ކަފްރު ޝޫބާ ވަށައިގެންވާ ސަރަހައްދުތަކަށާއި، ބިންތު ޖުބައިލްގެ ޙަދާޘާ އަވަށުގެ ބޭރު ސަރަހައްދުތަކުގެ އިތުރުން ޞޫރު ޑިސްޓްރިކްޓްގެ ވާދީ ޒިބްޤީން ސަރަޙައްދަށް ވެސް ޔަހޫދީން ފައުޖުން ވަނީ އާޓިލަރީ ބަޑީގެ ހަމަލާތަކެއް ދީފައެވެ.
މީގެ އިތުރުން، މައިފަދޫން އަދި ޒައުތަރު އަލް-ޝަރްޤިއްޔާއާ ދެމެދު އޮތް ސަރަހައްދަށް ވެސް ދޭތެރެދޭތެރެއިން ބަޑީގެ ހަމަލާތައް ދެމުންދާ ކަމުގައި، އެ ސަރަހައްދުތަކުގެ ރައްޔިތުންނާ ޙަވާލާދީ ލުބްނާނުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ. އަދި އެހެން ހާދިސާއެއްގައި، ކަފްރު ޝޫބާއާއި ސަދާނާ ފަރުބަދަ އަދި ޝަބްޢާއާ ގުޅޭ މަގުގައި ހުރި ކަފްރު ޝޫބާގައި ހުރި ޢާންމުން ދިރިއުޅޭ ގެއެއް ޔަހޫދީ ސިފައިން ވަނީ ސުންނާފަތި ކޮށްލާފައެވެ. އެއީ، އެ ސަރަހައްދުގެ ރައްޔިތެއް ކަމުގައިވާ ޙަސަން ނަބާޢުއާއި އޭނާގެ ޢާއިލާ ދިރިއުޅޭ ގެއެވެ. މި ހަމަލާގައި އެ ގޭގައި ހުރި އެންމެހައި ތަކެތި ސުންނާފަތި ކޮށްލާފައިވާ މަންޒަރުތައް ލުބްނާނުގެ ނޫސްވެރިންނަށް ފެނިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
މީގެއިތުރުން، ޠައްޔިބާ އަވަށުގެ މަތިން އިންޓަސެޕްޓަރ މިސައިލެއް ގޮވި ކަމުގައި ރިޕޯޓުކޮށްފައިވީ ނަމަވެސް، އެ ކަމުގެ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. އެހެން ހާދިސާއެއްގައި، ރަބް ޘަލާޘީން އަވަށުގެ ޒުވާނަކު އަލް-ޙުޖައިރު ސަރަޙައްދަށް ކުރި ދަތުރެއްގެ ތެރޭގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. އެ މީހާ ގެއްލުމާއި، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ގުޅުމެއް އޮތް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
މަޝްވަރާ ކުރިއަށްދަނިކޮށް، ޔަހޫދީން ލުބްނާނުގެ ދެކުނަށްދޭ ހަމަލާތައް ވަރުގަދަކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed