އަޝްރަފް ހަކީމީގެ ހެޓްރިކާއެކު ފްރެންޗް ލީގު ތާވަލުގެ ފުލުގައި އޮތް ލު އަވްރާ އަތުން ޕީއެސްޖީ ބޮޑު މޮޅެއް ހޯދައިފިއެވެ. މެޗު ޕީއެސްޖީން ކާމިޔާބުކުރީ 5-1 ލަނޑުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ލީގު ތާވަލުގެ ފުލުގައި އޮތް ޓީމުންނެވެ. 18 ވަނަ މިނިޓްގައި އެޓީމަށް ކުރި ހޯދައިދިނީ ޖޯޝް މާޔާއެވެ. މެޗުގައި ޕީއެސްޖީ އަށް ފުރަތަމަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްދިނީ 26 ވަނަ މިނިޓުގައި މީކާ ގޮޓްސްއެވެ. އޭގެ މިނިޓެއް ފަހުން ޑިފެންޑަރ އަޝްރަފް ހަކީމީ އޭނާގެ ފުރަތަމަ ލަނޑާއެކު ޕީއެސްޖީ އަށް ލީޑް ނަގައިދިނެވެ. ހަކީމީ ހެޓްރިކް ހެދީ ދެވަނަ ހާފްގައި އިތުރު ދެ ލަނޑު ޖަހައިގެންނެވެ. މެޗުގައި ދެން ޕީއެސްޖީ އަށް ލަނޑު ޖަހައިދިނީ 20 އަހަރުގެ ސެއްނީ މައްޔޫލޫއެވެ.

މިމޮޅާއެކު ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ދެ ޕޮއިންޓްގެ ލީޑަކާ އެކުއެވެ. އެއީ 9 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 18 ޕޮއިންޓާއެކު ލިލްއެވެ. ލިލް ވަނީ އެންމެ ފަހުން މެޗުގައި 1-0 ން ލެންސް ބަލިކޮށްފައެވެ. ތިންވަނައިގައި އޮތީ 16 ޕޮއިންޓާއެކު ރެންއެވެ. މޮނާކޯ ހަތަރު ވަނައިގައި އޮތީ 15 ޕޮއިންޓާއެކުއެވެ.

މެޗަށް ޕީއެސްޖީ ނިކުތީ ޢާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުންތެރިން ނުލައެވެ. ޕީއެސްޖީއަށް ވަނީ އަނިޔާގެ މައްސަލަތައްވެސް ބޮޑުވެފައެވެ.