"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" އަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯ ފަށައިގެން މިހާރު ކުރިއަށްދާއިރު ގިނަ އަދަދެއްގެ މީހުން ދަނީ އެކްސްޕޯއަށް ޒިޔާރަތްކުރަމުންނެވެ.

މި އަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތަކުން ރަޖިސްޓަރކޮށްފައިވާއިރު، މީގެ ތެރެއިން 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ 2025 ވަނަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާއި އަޅާ ބަލާއިރު، %83.5 ގެ ކުރިއެރުމެކެވެ.

މިއަހަރުގެ މައުރަޒު ތަފާތު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މިއީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވައިދީ މާކެޓުގެ އައު ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި އެކްސްޕޯގައި ވަކި ޑިސްޓްރިކްޓަކަށް ބަލާއިރު އެންމެ ތަރުހީބު ބޮޑު އެއް ޑިސްޓްރިކްޝަޓީ މާކެޓް ޕްލޭސް ޑިސްޓްރިކްޓެވެ. މި ޑިސްޓްރިކްޓުން ދައްކާލަނީ އެކި ބާވަތްތަކުގެ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކެވެ.

"ތަރުހީބު ވަރަށް ރަނގަޅު ހަމަ. އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުން މި އަންނަނީ." ވިޔަފާރިއަކުން ބުންޏެވެ.

މައުރަޒުގެ ތަރުހީބު ބޮޑުވެ ވިޔަފާރިވެރިންނަށް ބޮޑު ހިތްހަމަޖެހުމެއް!
މައުރަޒުގެ ތަރުހީބު ބޮޑުވެ ވިޔަފާރިވެރިންނަށް ބޮޑު ހިތްހަމަޖެހުމެއް!

އުފެއްދުންތެރިކަމުގެ މައުރަޒު. ފޮޓޯ: ޕީއެސްއެމް ނިއުސް

މާކެޓް ޕްލޭސްގައި ތަކެތި ވިއްކާ ވިޔަފާރިއަކުން ބުނީ ތަރުހީބު ވަރަށް ބޮޑުކަމަށެވެ. ތަރުހީބު ބޮޑުކަމުން ޑިމާންޑަށް ތަކެތި އުފެއްދުމަށްވެސް ދަތިވެފައިވާކަމަށެވެ.

"ޑިމާންޑަށް ބޭނުންވާވަރަށް އަޅުގަނޑަށް ހުންނަނީ އެއްޗެސް ނުހެދިފައި. މީހުން ވަރަށް ސަޕޯޓްކުރޭ. ވަރަށް ލައިކްވޭ ހުރިހާ އެންމެންވެސް މިތާ ހުންނަ އެއްޗެއްސައް." ވިޔަފާރިވެރިއަކު ބުންޏެވެ.

އުފެއްދުންތެރި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކީވެސް އާންމުންގެ ތަރުހީބު ވަރަށް ބޮޑު ޑިސްޓްރިކްޓެވެ. މި ޑިސްޓްރިކްޓުން އެކިއެކި ކްރިއޭޓިވް ދިވެހި ވިޔަފާރިތަކުން ދަނީ އެމީހުންގެ އުފެއްދުންތައް ދައްކާލަމުންނެވެ. މިތަނުގައި ބައިވެރިވި ވިޔަފާރިވެރިއަކު ބުނީ ތަރުހީބު ވަރަށް ރަނގަޅުކަމަށެވެ.

"ވަރަށް ތަރުހީބު އޮވޭ. މިތަނަށް ބަލާލީމަވެސް އިނގޭނެ ދެއްތޯ ވަރަށް ބައިވަރު މީހުން އެބައުޅޭ. ދެން ހަމަ އެންމެންވެސް އައިސް ބުނޭ ޕްރޮޑަކްޓްސް ހަމަ ރީތިވާހަކަ." ވިޔަފާރިވެރިއަކު ބުންޏެވެ.

މައުރަޒުގެ ތަރުހީބު ބޮޑުވެ ވިޔަފާރިވެރިންނަށް ބޮޑު ހިތްހަމަޖެހުމެއް!
މައުރަޒުގެ ތަރުހީބު ބޮޑުވެ ވިޔަފާރިވެރިންނަށް ބޮޑު ހިތްހަމަޖެހުމެއް!

އުފެއްދުންތެރިކަމުގެ މައުރަޒު. ފޮޓޯ: ޕީއެސްއެމް ނިއުސް

މި އެކްސްޕޯގައި ދިވެހިންގެ އަތްތެރި މަސައްކަތްތައްވެސް ދަނީ ދައްކާލަމުންނެވެ. އަތްތެރި މަސައްކަތް ކުރާ ވިޔަފާރިވެރިއަކު ބުނީ މިފަދަ އެކްސްޕޯގެ ސަބަބުން އެމީހުންގެ މަސައްކަތްތައް ދައްކާލާ އަދި އެ މަސައްކަތައް މީހުންގެ ޝައުގުވެރިކަން އުފެދުމަށްވެސް މަގު ފަހިވާނެކަމަށެވެ.

"އަޅުގަނޑު ބުނާނީ މިއީ ކުރަން ހަމަ ވަރަށް ރަނގަޅު ކަމެކޭ. މީގެ ސަބަބުން ޒުވާނުން މީގެތެރެއަށް ވަންނަން ފުރުސަތު ބޮޑުވެގެންދޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހުނަރާއި މަސައްކަތް ހުރިހައި ޖީލަކަށް ދައްކާލެވޭ. މި މަސައްކަތް މިގޮތައް ދައްކާލުމުން މީގެ ތެރެއަށް ވަންނަން ބޭނުންވާ މީހުން ހުންނާނެ." އަތްތެރި މަސައްކަތްކުރާ ފަރާތަކުން ބުންޏެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަރަށް ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިންވެސް ދަނީ ޒިޔާރަތްކުރަމުންނެވެ. އެހެންކަމުން މިއީ ފަތުރުރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށް އެ ޚިދުމަތްތައް މާކެޓްކުރުމަށާއި، އައު ކަސްޓަމަރުންނާއި އިންވެސްޓަރުން ހޯދުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުޞަތެކެވެ.

މުޅި މައުރަޒަށް ޖުމްލަ ގޮތެއްގައި ބަލާއިރު، މިއީ ރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިތަކަށް ލިބިގެންދާ ވަރަށް ބޮޑު އިޤުތިޞާދީ ފުރުޞަތެކެވެ. މައުރަޒުގެ ތެރޭގައި ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް އެއްތަންވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ވާހަކަދައްކާލެވޭނެ ޚާއްޞަ ތަންތަންވެސް ވަނީ ޤާއިމުކޮށްފައެވެ. މި މައުރަޒު ކުރިއަށްދާނީ ނޮވެންބަރު 2ވަނަ ދުވަހުގެ ނިޔަލަށެވެ.