ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅާލައިފިއެވެ.

މިކަން ހާމަކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރުގެ ޕޯސްޓުގައި ވިދާޅުވީ ތިލަމާލެ ބުރިޖު މަޝްރޫޢުގައި އަނެއްކާވެސް ޚާއްސަ ލަނޑުދަނޑިއެއް ހާސިލްކުރެވިފައިވާ ކަމަށެވެ. އެގޮތުން، އެ ބުރިޖުގެ ވިލިމާލެއިން ގުޅިފަޅަށް ގުޅާލާ ފަހު ސެގްމަންޓުގެ މަސައްކަތް ނިންމައި ދެ ރަށް ގުޅާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވަނީ މި ކާމިޔާބީއަށް އެ ވުޒާރާގެ ޓީމަށާއި މަޝްރޫޢު ކުރިއަށްގެންދާ އެފްކޮންސްއަށް މަރުޙަބާ ދަންނަވާފައެވެ. އަދި އިންޑިއާ ސަރުކާރުން މި މަޝްރޫޢު ކާމިޔާބުކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެ ޤައުމުގެ ސަރުކާރަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ތިލަމާލެ ބުރިޖު: ވިލިމާލެއިން ގުޅިފަޅަށް ގުޅާލައިފި
ތިލަމާލެ ބުރިޖު: ވިލިމާލެއިން ގުޅިފަޅަށް ގުޅާލައިފި



ތިލަމާލެ ބުރިޖުގެ މުޅި މަޝްރޫޢުގެ %80 އަށްވުރެ ގިނަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން، ސައިޓުގައި މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ބޮޑުބައެއް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ގުޅިފަޅުގައި ޤާއިމުކޮށްފައިވާ ބުރިޖު ސައިޓުގައެވެ.

ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބުރިޖުގެ ބަޔަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ބައެކެވެ. އެ ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހުއެވެ. ވިލިމާލެއިން ގުޅިފަޅަށް ބުރިޖު ގުޅާލާފައިވާއިރު މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މަސައްކަތް މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ. އެއީ 2.2 ކިލޯމީޓަރުގެ ބުރިޖެކެވެ.

މި މަޝްރޫޢުގެ ދަށުން ގުޅިފަޅުން ތިލަފުއްޓަށްވެސް ގުޅާލާނެއެވެ. ގުޅިފަޅުން ތިލަފުއްޓަށް ހަދާ ބުރިޖަކީ ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެކެވެ.

ތިލަމާލެ ބުރިޖު ވިލިމާލެއިން ގުޅިފަޅަށް ގުޅާލާފައި/ ފޮޓޯ: ބިނާރާބެހޭ ވުޒާރާ

މުޅި މި މަޝްރޫޢުގައި 6.7 ކިލޯމީޓަރު ތަރައްޤީކުރެއެވެ. އެއީ ކަނޑު ހުރަސްކޮށް ހަދާ 3 ބުރިޖާއި، ގުޅާލާ ރަށްރަށް ހުރަސްކޮށް ހަދާ ހައިވޭ މަގުތަކެވެ. ބުރިޖު ގޮސް ރަށްރަށާ ގުޅޭ ހައިވޭއާއި މަގުތައް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ސަރުކާރުން ޢަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމުމަށެވެ.

މި މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އަދި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ 500 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.