އާޓިފިޝަލް އިންޓެލިޖެންސް، އޭއައިގެ އޮއިވަރުގައި ބަހާއި ސަގާފަތާއި ޢާންމުންގެ އިތުބާރު ޙިމާޔަތްކުރަންޖެހޭކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެއާޕަރސަން އައިމިނަތު ނަމްޒާ ވިދާޅުވެއްޖެއެވެ.
ނަމްޒާ މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަންގެ (އޭބީޔޫ) 63 ވަނަ ޢާންމު މަޖިލިސް އަދި ގުޅުންހުރި ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ޕުރޮގުރާމު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
'އޭއައި: ޓްރުތު، ޓްރަސްޓް އެންޑް ޓްރާންސްފޮމޭޝަން" ގެ މަޢުޟޫއަށް ބޭއްވި ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޗެއާޕަރސަން އައިމިނަތު ނަމްޒާ ވިދާޅުވީ އޭއައިގެ ސަބަބުން ދުނިޔޭގެ މީޑިއާގެ ވެއްޓަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި، އޭއައިއަށް އަހުލުވެރިކަން އިތުރުކުރުމަށާއި، ދޮގު މަޢުލޫމާތާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ޤައުމީ ބަސްތަކާއި ސަގާފީ ވަނަވަރު ރައްކާތެރިކުރުމުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުން އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދަންވާނީ ޢާންމުންގެ އިތުބާރު ގެއްލިގެންދާ ފަދަ ގޮތަކަށް ނޫންކަން ކަށަވަރުކުރުމުގައި ބްރޯޑްކާސްޓަރުންގެ ޒިންމާ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

ހަމައެކަނި ދޮގު މަޢުލޫމާތު ފާހަގަކޮށް، އެ ކަންކަން އިޞްލާޙުކުރުމުގެ ބަދަލުގައި، އޮޅުވައިލައިގެން ފަތުރާ ކޮންޓެންޓު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތާއި ފުންކޮށް ވިސްނުމުގެ ހުނަރު ޢާންމުންނަށް ފޯރުކޮށްދިނުމަށް މީޑިއާ އިދާރާތަކުން ޢަމަލީ ގޮތުން މަސައްކަތްކުރަންޖެހޭ ކަމަށްވެސް ނަމްޒާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޒިންމާއަކީ ހަމައެކަނި ދޮގު މަޢުލޫމާތު އިޞްލާޙުކުރުމެއް ނޫން. އޭގެ އިތުރުން، ޢާންމުން އެފަދަ މަޢުލޫމާތު އެހެން މީހުންނާ ހިއްސާކުރުމުގެ ކުރިން، އެއާމެދު ސުވާލު އުފެއްދުމަށް އެ މީހުން އަހުލުވެރިކުރުވުންވެސް އަޅުގަނޑުމެންގެ ޒިންމާގެ ތެރޭގައި ހިމެނޭ." ނަމްޒާ ވިދާޅުވިއެވެ.
ހުރިހާ ފަންތިއެއް ޝާމިލުވާ ގޮތަށް އޭއައިއަށް އަހުލުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ނަމްޒާ ވިދާޅުވީ، އޭއައި ބޭނުންކޮށްގެން އުފައްދާ ޙަޤީޤަތާ އެއްގޮތް ކޮންޓެންޓުތަކުގެ ސަބަބުން، ޚާއްސަކޮށް ދޮށީ އުމުރުގެ މީހުން އޮޅުވާލުންތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އެހެންވެ، ޢާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް، ހަމައެކަނި ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރި ޒުވާނުންނަށް އަމާޒުކުރުމުގެ ބަދަލުގައި، މުޅި މުޖުތަމަޢަށް ފުޅާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، އޭއައި ތަރައްޤީކުރުމުގައި ދިވެހިބަސް ފަދަ ބަސްތައް ހިމެނިފައިވާ މިންވަރު މަދުވުމާމެދު ނަމްޒާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި، ބަހާއި ސަގާފަތް އެކަށީގެންވާ މިންވަރަށް އޭއައިގެ ނިޒާމުތަކުގައި ތަމްސީލު ނުކުރެވޭނަމަ، ޑިޖިޓަލް ދާއިރާގައި ހުރި ފަރަގުތައް އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.
"އަޅުގަނޑުމެންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބައެއް ނޫން. އަޅުގަނޑުމެންނަކީ ބަހާއި، ސަގާފަތާއި، އަދި ޢާންމުންގެ އިތުބާރުގެ ބެލެނިވެރިންވެސް މެ،" ނަމްޒާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ 'މޯލްޑިވްސް 2.0' ސިޔާސަތާއި ޑިޖިޓަލް ބަދަލަކަށް އެ މަނިކުފާނު ގެންގުޅުއްވާ ތަޞައްވުރަށް އަލިއަޅުއްވައިލައްވައި ނަމްޒާ ވިދާޅުވީ ޓެކްނޮލޮޖީގެ ކުރިއެރުންތައް ޤައުމީ އިސްކަންދޭ ކަންކަމާ އެއްގޮތަށް ބައްޓަންކުރުން މުހިންމު ކަމަށެވެ.

މި ޕެނަލް މަޝްވަރާގައި ރާއްޖޭގެ އިތުރުން މޮންގޯލިއާ، މެލޭޝިއާ، ސްރީ ލަންކާ އަދި އިންޑެނޭޝިއާގެ ބްރޯޑްކާސްޓިންގ ދާއިރާގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މީޑިއާގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ފަހިވާ ފުރުޞަތުތަކާއި ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން، ބްރޯޑްކާސްޓިންގ ސިނާއަތަށް ޑިޖިޓަލް ބަދަލުތައް އަންނަމުންދާއިރު ޙަޤީޤަތާއި، އިތުބާރާއި، މަޤުބޫލުކަން ދެމެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.