ނޮވެމްބަރ މަހުގެ ފަހުކޮޅު ތިލަފުށީގައި ވެއަރހައުސް ހުރި ވިޔަފާރިތަކަށް ތިލަފުށި ޕޯޓުން ކޮންޓެއިނަރ ދޫކުރުމުގެ މަސައްކަތް ފެށޭނެކަމަށް އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ ސީއީއޯ މިހެން ވިދާޅުވީ، މުދަލާއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ފެށުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ، ރާއްޖޭގެ އިޤުތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަޤުޞަދުގައެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްވެސް އެހެން ޤައުމުތަކުން އެތެރެ ކުރާ ޤައުމަކަށްވާއިރު، ރާއްޖެ އެތެރެވާ މުދަލުގެ ތެރެއިން މައިގަނޑު ގޮތެއްގައި ހުރިހާ ބާވަތެއްވެސް އެތެރެކުރަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. މިކަމާއި ގުޅިގެން ވިޔަފާރި ބަނދަރުވެފައިވަނީ، 24 ގަޑިއިރު ހިންގަންޖެހޭ ޤައުމުގެ އިޤުތިޞާދުގެ އެންމެ ބޮޑު އޮޕަރޭޝަނަށެވެ.
ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ދަނީ ކުރަމުންނެވެ. އައު ބަނދަރާއެކު ޕޯޓުގެ ޚިދުމަތްތައް 4 ގުނަ ފުޅާވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ތިލަފުށި ޕޯޓުން މިވަގުތު ދެމުންދަނީ މުދަލާއިއެކު ކޮންޓެއިނަރ ދޯނިފަހަރަށް އަރުވައިގެން ގެންދިއުމުގެ ޚިދުމަތެވެ. އަދި ހުސްކޮންޓެއިނަރ އަންލޯޑްކުރުމުގެ ޚިދުމަތެވެ. މި ޚިދުމަތް ފަށާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، މާ ދުރުނޫން މުސްތަޤްބަލެއްގައި ތިލަފުށި ޕޯޓުން ކޮންޓެއިނަރތައް ކަނޑައިގެން އެލްސީއެލް ކާގޯ ދޫކުރުމުގެ ޚިދުމަތްވެސް ފައްޓާނެކަމަށެވެ. ނަމަވެސް އޭގެކުރިން ފެށިގެންދާނެ ޚިދުމަތަކީ ތިލަފުށީގައި ވެއަރހައުސް ހުރި ވިޔަފާރިވެރިންނަށް ތިލަފުށިން ކޮންޓެއިނަރ ކަނޑައިގެން ދޫކުރުމުގެ ޚިދުމަތްކަމަށެވެ.
"ދެން އެންމެ އަވަހަށް ފެއްޓޭނެ މަސައްކަތަކީ ތިލަފުށީގައި ވެއަރހައުސް ހައްދަވައިގެން ތިއްބެވި ވިޔަފާރިވެރިންނަށް ތިލަފުށިން ކޮންޓެއިނަރ ކަނޑައިގެން އެ ކޮންޓެއިނަރތައް ކުލިއަރ ކުރުމުގެ މަސައްކަތް. އެއީ ދެން އެންމެ އަވަހަށް ފެއްޓޭނެ މަސައްކަތަކީ. އަޅުގަނޑުމެންނަށް މި އަންދާޒާކުރެވެނީ ގާތްގަނޑަކަށް ނޮވެމްބަރ ނިމޭހިސާބުގައި އެ މަސައްކަތް އަޅުގަނޑުމެންނަށް ފެއްޓޭނެކަމަށް." އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރަކީ، 1986ވަނަ އަހަރު ޚިދުމަތް ފެށި ބަނދަރެކެވެ. 2015ވަނަ އަހަރުން ފެށިގެން މި ބަނދަރުން ޚިދުމަތް ދެމުންދަނީ، ބަނދަރުގެ ކެޕޭސިޓީ އަށްވުރެ 3 ގުނަ އިތުރަށެވެ. ސަރުކާރުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރަނީ، މިހުރިހާ މައްސަލައަކަށް ހައްލެއް ހޯދުމަށެވެ.
ތިލަފުއްޓަށް ބަނދަރު ބަދަލުވުމުގެ ފައިދާ އާންމު ރައްޔިތުންނަށްވެސް ކުރާނެއެވެ. މުދާ ގެނައުމަށް ކުރާ ޚަރަދުތައް ކުޑަވެ، މުދަލުގެ އަގު ތިރިވުމަށްވެސް މަގުފަހިވާނެއެވެ. މި ބަދަލަކީ، ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ މުޅި އިޤުތިޞާދާއި ގުޅިފައިވާ ބަދަލެކެވެ. ސަރުކާރުގެ އަމާޒަކީ، ތިލަފުށީ ބަނދަރު 2027 ނޮވެމްބަރ މަހަށް އެއްކޮށް ނިންމުމެވެ.