އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ސްޓްރޯކް ޖެހިގެން 500 މީހުން އެޑްކޮށް ފަރުވާދީފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ސްޓްރޯކްއަކީ ސިކުނޑީގެ ލޭހޮޅި ބެދުމާއި، ފަޅައިގެން ގޮސްގެން ދިމާވާ ސިއްޙީ ޙާލަތެކެވެ. ސްޓްރޯކްގެ ސަބަބުން ވާގިނެތުމާއި، މޫނުގެ އެއްފަރާތް ދަމައިގަތުމާއި، ވާހަކަދައްކަން އުނދަގޫވެ ދޭހަނުވުންފަދަ ކަންކަން ދިމާވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. ޢަލީ އާފީ ވިދާޅުވީ ދުނިޔޭގެ ނިސްބަތަށް ބަލާއިރު ސްޓްރޯކް ޖެހުން މިހާރު އިތުރުވެފައިވާކަމަށެވެ. އެގޮތުން މި ނިސްބަތް %50 އިތުރުކަމަށާއި 25 އަހަރުން މަތީގެ މީހަކަށް އުމުރުދުވަހުގައި ސްޓްރޯކެއް ޖެހުމުގެ ރިސްކަކީ %25 އިންސައްތަކަމަށް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ ޑޭޓާތަކުން ދައްކާގޮތުގައި 500 މީހުންނަށް ސްޓްރޯކްޖެހިގެން މިދިޔަ އަހަރު ވަނީ އެޑްމިޓްކޮށްފައެވެ. ޑރ. އާފީ ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ގިނައިން ސްޓްރޯކް ޖެހިފައިވަނީ އުމުރުން ހަގު މީހުންނަށް ކަމަށެވެ. އެގޮތުން ލޭ މަތިވުމާއި ހަކުރުބަލި އަދި ކޮލެސްޓްރޯލް މަތިވުމަކީ ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް އިތުރުވަމުން އަންނަ ބައްޔަކަށްވާއިރު އުމުރުން ހަގު މީހުންނަށް ސްޓްރޯކް ޖެހުން އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ.

ޑރ. އާފީ ވިދާޅުވީ ސްޓްރޯކްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްކުނުކޮށް ކަމާގުޅުންހުރި ފަރާތެއްގެ އެހީތެރިކަން ހޯދުން މުހިންމުކަމަށެވެ. އަދި ސްޓްރޯކްއަކީ ވީހާވެސް އަވަހަކަށް ފަރުވާ ކުރެވިއްޖެނަމަ އޭގެ ފަރުވާ ކުރެވޭނެ ބައްޔެއްކަމަށެވެ.
އެކި މީހުންނަށް ސްޓްރޯކްޖެހެނީ އެކި މިންވަރަށްކަން ފާހަގަކުރައްވާ ޑޮކްޓަރ ވިދާޅުވީ ބައެއް ފަރާތްތައް އަވަހަށް އެކަމުން ރަނގަޅުވާއިރު އަނެއް ބައި ފަރާތްތަކަށް ފަރުވާގެ މުއްދަތު ދިގުދެމިގެންދާކަމަށެވެ. ފަރުވާގެ މަރުހަލާގައި ބަލިމީހާއަށް އާއިލާގެ އަޅާލުމާއި އެހީތެރިކަން ވަރަށް މުހިންމުކަން ޑރ. އާފީ ފާހަގަކުރެއްވިއެވެ.
"އާއިލާގެ އެއްބާރުލުމަކީ ވަރަށް މުހިންމުކަމެއް ސްޓްރޯކްގެ ރިކަވަރީ ޕްރޮސެސްގައި. ޚާއްސަކޮށް ޓްރާންސިޝަންއަކީ ވަރަށް މުހިންމުކަމެއް. ހޮސްޕިޓަލުން ގެޔަށް ބަލިމީހާ ބަދަލުކުރާއިރު އެ ޕާތުވޭ އެސްޓަބްލިޝްކުރުމަކީ ވަރަށް މުހިންމުކަމެއް. އެހެންވީމަ އާއިލާގެ ސަޕޯޓް ވަރަށް މުހިންމު. މިސާލަކަށް ބަލިމީހާއަށް ކާންދޭނީ ކިހިނެތްތޯ. ހޮސްޕިޓަލުގައި ބަލިމީހާ އޮންނަ ދުވަސްވަރު ދަސްކުރުން ވަރަށް މުހިންމު. ފިޒިއޮތެރަޕީކަންކަން ކުރުން" ޑޮކްޓަރ އާފީ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާއިރު، އޭގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ ހިތުގެ ބަލިތަކެވެ. ސްޓްރޯކްއަކީ ވަކި އުމުރަކަށް ބެލުމެއްނެތި ޖެހޭ ބައްޔަކަށް ވާއިރު، އައިޖީއެމްއެޗްގައި ސްޓްރޯކް ޖެހިގެން ފަރުވާ ހޯދާ ކޮންމެ ފަސް މީހަކުން އެކަކީ އުމުރުން 45 އަހަރުން ދަށުގެ މީހެއްކަން އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ބައެއް ފަހަރު 16 އަހަރުގެ ކުދިންނަށްވެސް ސްޓްރޯކް ޖެހިގެން ފަރުވާ ދީފައިވެއެވެ.
