ސޫރިޔާގެ އުތުރާއި އިރުމަތީގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ހަތަރު ކުޑަކުދިން ހިމެނޭހެން ފަސް މީހުން މަރުވެއްޖެއެވެ. އެ ޤައުމަށް ކުރިމަތިވި މި ވިއްސާރައިގައި، ދެ ކުޑަކުދިން ހިމެނޭ ގޮތަށް އިތުރު ފަސް މީހަކު ގެއްލިގެން ހޯދަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ސޫރިޔާގެ އެކި ކަންކޮޅުތަކުގައި ފެންބޮޑުވުމާ ގުޅިގެން އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން ކުއްލި ޙާލަތުގެ އިދާރާތަކުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

މި ހާދިސާތަކުގައި ހަތަރު ކުޑަކުދިން މަރުވީ ރައްޤާ އަދި ދައިރު އައް-ޒޫރު ޕުރޮވިންސުގެ އެކި ސަރަހައްދުތަކުގައި އުފެދުނު ފެންގަނޑުތަކަށް ކަމުގައި އެ ޤައުމުގެ ކުއްލި ޙާލަތްތަކާއި ކާރިސާތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި، ހުޅަނގު ރައްޤާގެ ރަށްފުށު ސަރަޙައްދުގެ އަލް-ސަލްމާނީ ފާލަން ކައިރިން ދަތުރުކުރި ކާރެއް ފެންގަނޑުގެ ތެރެއަށް ދަމައިގަތުމުގެ ސަބަބުން އިތުރު ފިރިހެނަކު ވަނީ މަރުވެފައެވެ. އެ ވުޒާރާއިން ދަނީ މި ހާދިސާގެ ޙާލަތުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޢާންމުކުރަމުންނެވެ.

މި ވިއްސާރައިގައި ޙަލަބާއި، ރައްޤާ، ދައިރު އަލް-ޒޫރު، ޙަސަކާ އަދި ޙިމްޞުގެ އުމްރާނީ ވަސީލަތްތަކަށާއި ފާލަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ރަސްމީ އިދާރާތަކުން ބުނެއެވެ. ޠަބަޤާގެ ހުޅަނގުގައި އޮންނަ އަލް-ސަލްމާނީ ފާލަން ވެއްޓި، ރައްޤާއާއި ޙަލަބު ގުޅުވައިދޭ މަގު ބަންދުވެފައިވާ ކަމުގައި ސާނާ ނޫސް އޭޖެންސީން ރިޕޯޓުކުރެއެވެ. މީހުން ސަލާމަތްކުރާ ޓީމުތަކުން ވަނީ ފެންގަނޑުގެ ތެރޭގައި ތާށިވި 15 މީހަކު ސަލާމަތްކޮށް، ރައްޤާގެ ރަށްފުށުގެ ތިން ކޭމްޕަކުން ގާތްގަނޑަކަށް 375 ޢާއިލާ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

މިއީ މި އަހަރުގެ ތެރޭގައި ސޫރިޔާއަށް މި ފަދަ ބާރުގަދަ ވިއްސާރައެއް ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ މިހާތަނަށް ފެންބޮޑުވުމުގެ ސަބަބުން 17،000 މީހުންނަށް އަސަރުކޮށްފައިވާ ކަމުގައި އެކުވެރި ދައުލަތްތަކުގެ (އދ) ކުޑަކުދިންނާ ބެހޭ ފަންޑުން ޖޫން މަހު ބުނެފައިވެއެވެ. އޭގެ ތެރޭގައި 2،000 ކުޑަކުދިން ހިމެނޭހެން 700 ޢާއިލާއެއް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން ޖެހުނު އިރު، ދައިރު އަލް-ޒޫރާއި ރައްޤާގެ ސާފު ފެން ފޯރުކޮށްދޭ 49 މަރުކަޒެއްގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.