ސަސްޕެންޑް ކޮށްފައިވާ ނޭޕާލް ފުޓުބޯޅަ ފެޑަރޭޝަނުގެ އެކްސްކޯގެ ބައްދަލުވުމެއް ބާއްވަން އެ ޖަމާއަތުގެ ބައެއް މެމްބަރުން ތައްޔާރުވެއްޖެއެވެ.
އެކްސްކޯގައި ހިމެނޭ 11 މެމްބަރަކު ވެގެން ބާއްވާ މި ބައްދަލުވުން އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެ ޖަމާއަތުގެ ނައިބް ރައީސް ބީރް ބަހާދްރް ކަޑްކާއެވެ. މި ގްރޫޕުން ބުނީ ފުޓުބޯޅަ ފެޑަރޭޝަނުގެ އިދާރާ އަލުން ހުޅުވައި ބައްދަލުވުން ބާއްވަން ނިންމީ އެ ޖަމާއަތުގެ ރައީސް ޕަންޖްކް ބިކްރަމް ނެމްބަންގް ބައްދަލުވުން ބާއްވަން އެއްބާރުލުން ނުދިނުމުން ކަމަށެވެ.
ނޭޕާލްގެ ފުޓުބޯޅަ ފެޑަރޭޝަނުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ 2ގައި ބުނެފައިވަނީ އެކްސްކޯގެ ތިންބައިކުޅެ އެއްބައި މީހުން ލިޔުމުން އެދެފިނަމަ ބައްދަލުވުން ބާއްވައިދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ބައްދަލުވުން ބާއްވަން އުޅޭ ގްރޫޕުގެ މެމްބަރުން ބުނީ ލިޔުމުން ހުށަހެޅިތާ 21 ދުވަސްވީއިރު ވެސް އެ މީހުންނަށް އެއްވެސް ޖަވާބެއް ނުލިބުނު ކަމަށެވެ.
ދުނިޔޭގެ ފުޓުބޯޅަ ޖަމިއްޔާ ފީފާއިން ނޭޕާލް ސަސްޕެންޑް ކުރީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ފުޓުބޯޅަ ފެޑަރޭޝަން ހިންގުމުގައި ސަރުކާރުގެ ސީދާ ބައިވެރިވުން ބާއްވަން ނުފޫޒު ފޯރުވަން ފެށުމުންނެވެ.
މި ސަސްޕެންޝަނަކަށް ފަހު މިހާރު އެންމެ ބޮޑަށް ދިމާވެގެން އުޅޭ މައްސަލައަކީ ރައީސް ނެމްބަންގް އާއި ޖެނެރަލް ސެކްރެޓަރީ ކިރަން ރާއީ އާއި ހަޒާންދާރު ރަބިންދްރާ ޖޯޝީ އާއި އެކައުންޓެންޓް ސަންޖީވް ޕަންޑޭވްގެ މައްޗަށް މެޗު ފިކްސިން އާއި ފަސާދައިގެ ތުހުމަތުގައި ނޭޕާލް ސަރުކާރުން ދައުވާ ކުރުމުންނެވެ.
ނޭޕާލް ފުޓުބޯޅައިގައި މައްސަލަ ޖެހުނީ ސަރުކާރާއި ފުޓުބޯޅަ ފެޑަރޭޝަނާ ދެމެދު އިންތިޚާބު ބޭއްވުމުގައި އުފެދުނު ޚިޔާލު ތަފާތުވުމުގައެވެ. ސަރުކާރުން ބޭނުންވީ އެ ގައުމުގެ ޑިސްޓްރިކްޓްތަކުގެ މެދުގައި އިންތިޚާބު ބޭއްވުމަށްފަހު އޭގެ ފަހުން ނޭޕާލް ފުޓުބޯޅަ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުމަށެވެ. މިއީ ނޭޕާލްގައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އިންތިޚާބު ބާއްވަން ކުރަންޖެހޭ ކަމެއް ކަމަށާއި ގައުމުގައި ހުރި ގަވާއިދުތަކަށް ބޯލަނބަން އެންގުމަކީ ފީފާގެ ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމެއް ނޫން ކަމަށް ސަރުކާރުން ދެކެއެވެ. ނަމަވެސް ސަރުކާރުގެ މި ހުށަހެޅުން ފުޓުބޯޅަ އެސޯސިއޭޝަން ހިންގަން ތިބި ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ. މައްސަލަ ޖެހުނީ މި ހިސާބުންނެވެ.
ސަރުކާރުގެ ހުށަހެޅުމާ ދެކޮޅު ހެދުމުން ނޭޕާލްގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުން އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރީ އެ ގައުމުގެ ކުޅިވަރާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދެ ވަނަ ނުކުތާގެ ދަށުގެ ދަށުންނެވެ. އަދި މި ސަސްޕެންޝަނުގެ މުއްދަތުގައި ނޭޕާލުން ފުޓުބޯޅަ އެސޯސިއޭޝަނުން ރާވާ ހިންގާ އެއްވެސް ހަރަކާތަކަށް ސަރުކާރުން އެއްބާރުލުން ނުދޭނެއެވެ. މިހެންވެ ގައުމުގެ އެތެރޭގެ މުބާރާތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ރައީސް އެއްބާރުލުން ނުދިނުމުން ނޭޕާލް ފުޓުބޯޅައިގެ ވެރިން ބައްދަލުވަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed