އާދީއްތަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ސެމީ ޕްރޮފެޝަނަލް ވީއޭއާރު ސިސްޓަމް ބޭނުން ކުރާނެ ކަމަށް ސާފުން ބުނެފިއެވެ.

މިއީ 1995 ވަނަ އަހަރު ތައާރަފް ކުރި މުބާރާތުގެ ސާފުގެ ތާރީހުގައި ވެސް މި ސިސްޓަމް ބޭނުން ކުރާ ފުރަތަމަ ފަހަރެވެ.

ދެކުނު އޭޝިޔާގެ ފުޓުބޯޅަ ޖަމިއްޔާ ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރްޝޮޓަމް ކަޓޭލް ވިދާޅުވީ މުބާރާތުގައި ތަފާތު ސަބަބުތަކާހުރެ ފުރިހަމަ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ސިސްޓަމެއް ބޭނުން ކުރެވޭގޮތް ވެފައި ނުވާކަމަށެވެ. މި ގޮތުން އޭނާ ފާހަގަ ކުރީ މުބާރާތް ކުޅޭ ދަނޑުތަކުގައި މި ސިސްޓަމް އިންސްޓޯލް ކުރުމަށް ބޭނުންވާ ވަސީލަތް ނެތުމާއި އެކަމަށް ހިނގާ ހަރަދުގެ މައްސަލައެވެ.

"އަހަރުމެން ވީއޭއާރު ބޭނުން ކުރާނެ. އެކަމަކު އެއީ ފުލް ސިސްޓަމެއްނޫން. މުބާރާތް ކުޅެ ދަނޑުތަކުގައި އެކަމަށް ބޭނުންވާ ކަންކަން ފުރިހަމަ ނުވޭ. ދެން އަހަރުމެންނަށް މި ވަގުތު ފުލް ސިސްޓަމަކަށް ބޭނުންވާ ހަރަދު ކުރެވެން ވެސް ނެތުމާއެކު މިހާރު ނިންމާފައިވަނީ ވީއޭއާރުގެ މިނީ ވާޝަންއެއް ބޭނުން ކުރަން،" ކަޓޭލް ވިދާޅުވި އެވެ.

ނޮވެމްބަރު މަހުގެ ހަތަރަކުން ފެށިގެން 17 އަށް ކުރިއަށްދާ މުބާރާތުގައި ވީއޭއާރު ބޭނުން ކުރަން ނިންމާފައިވަނީ ފުރަތަމަ ހަތަރު މެޗަށް ފަހުއެވެ. މިގޮތުން ކޮންމެ ގައުމަކުން ވެސް ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ފަހު މެޗާއި ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުގައި ވީއޭއާރު ސިސްޓަމް ބޭނުން ކުރާނެއެވެ.

ކަޓޭލް ވިދާޅުވީ މި މުބާރާތުގެ ތަޖުރިބާ އަށް ބެލުމަށްފަހު ސާފުގެ ދެން ހުރި މުބާރާތްތަކަށް ވެސް މި ސިސްޓަމް ތައާރަފް ކުރާނެ ކަމަށެވެ.

އާދައިގެ ޓިކެޓެއްގެ އަގަކީ 1000 ޓަކާ

މި ފަހަރުގެ މުބާރާތުގެ މެޗެއްގެ އެންމެ އާދައިގެ ޓިކެޓެއްގެ އަގަކީ 500 ޓަކާ (ފަސްދޮޅަސް ދެ ރުފިޔާ އަށާވީސް ލާރި) އެވެ. ނަމަވެސް އެއް ދުވަހެއްގައި ދެ މެޗު ކުޅޭތީވެ ޓިކެޓް ވިއްކަން ނިންމާފައިވަނީ ގަނޑުކޮށް ދެ މެޗު އެއްކޮށް 1000 ޓަކާ އަށެވެ. މީގެ އިތުރުން ކޯޕަރޭޓް ބޮކްސް ނުވަތަ ވީވީއައިޕީން ފުރުސަތު ލިބޭނީ 10000 ޓަކާގެ ޓިކެޓެއް ގަނެގެންނެވެ. ވީއައިޕީގެ ޓިކެޓް ވިއްކަން ހަމަޖައްސާފައިވަނީ 7000 ޓަކާ އަށެވެ. އަދި ސްޓޭޑިއަމުގައި އޭސީ ކޮށްފައިވާ ވީއައިޕީ ބައިން ޖާގަ ލިބޭނީ 8000 ޓަކާގެ ޓިކެޓަކަށެވެ. ބަނގްލަދޭޝްގައި މިއަގުތައް ބޮޑުވެގެން ސަޕޯޓަރުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

ސާފުން ބުނީ މުބާރާތުގެ ޓިކެޓްގެ އަގުތައް ކަނޑައަޅާފައިވަނީ އެ ޖަމާއަތުން ކުރަންޖެހޭ ހަރަދުތަކާއި އެ ނޫން ވެސް ކަންކަން ދެކޮޅު ޖެހޭނެ ގޮތްތަކަށް ބަލާފައި ކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފަށާނީ އަންނަ އާދިއްތަ ދުވަހު ބަނގްލަދޭޝްގަ އެވެ. ނޮވެމްބަރު 17އާ ހަމައަށް ކުރިއަށްގެންދާ މުބާރާތުގައި އިންޑިޔާ ހިމެނެނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާއެކު ގްރޫޕް އެކެއްގަ އެވެ. ބަނގްލަދޭޝް އާއި ބޫޓާނާއި ސްރީލަންކާ ހިމެނެނީ ގްރޫޕް ދޭއްގަ އެވެ. ސާކުގެ ހަތް ގައުމުގެ ތެރެއިން މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ނޭޕާލެވެ. އެ ގައުމު ވަނީ ފީފާއިން ސަސްޕެންޑް ކޮށްފަ އެވެ.