ފެށޭ ހަފުތާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް އިންޑިޔާއިން ކޮންމެ ޓީމެއް ފޮނުވިޔަސް ސާފުން ދެކެނީ އެއީ ސީނިއާ ޓީމުގެ ގޮތުގައި ކަމަށް ސާފުން ބުނެފިއެވެ.
ދެކުނު އޭޝިޔާގެ ފުޓުބޯޅަ ޖަމިއްޔާ ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރްޝޮޓަމް ކަޓޭލް ވިދާޅުވީ މުބާރާތުގައި އިންޑިޔާއިން ފެންނާނީ ސީނިއާ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.
"އިންޑިޔާއިން ވަނީ އެ މީހުންގެ ފްރިލިމިނަރީ ލިސްޓް ވެސް މިހާރު ފޮނުވާފައި. އަހަރުމެން ބަލާނީ އެއީ އެ މީހުންގެ ސީނިއާ ޓީމު ކަމަށް. އެހެން ނަމަވެސް އެ މީހުން ކުޅެން ޖެހޭ މުހިންމު މެޗުތަކަށްޓަކައި ބައެއް ސީނިއާ ކުޅުންތެރިން ނުފެނިދާނެ،" ކަޓޭލް ވިދާޅުވިއެވެ.
އިންޑިޔާއިން ފުރަތަމަ އެދުނީ މުބާރާތުގެ ތާރީޚު ބަދަލު ކޮށްދިނުމަށެވެ. އެއީ ގައުމީ ކޯޗު ޚާލިދު ޖަމާލް ސީނިއާ ޓީމު ގޮވައިގެން ނިއުޒީލޭންޑާއެކު އެކުވެރިކަމުގެ ދެ މެޗު ކުޅެން ބޭނުންވުމާއި އިންޑީޔާގެ އައިޕީއެލްއާ ދިމާވާތީއެވެ. ނަމަވެސް ސާފުގެ ތާރީޚު ވެސް ބަދަލުވާން ނެތުމުން އިންޑިޔާއިން މިހާރު ވަނީ ކުލަބުތަކާ ވާހަކަ ދައްކައި ކުޅުންތެރިން ދުކުރާނެ ގޮތަކާމެދު އެއްބަސްވެފައެވެ. މި ގޮތުން ސާފުގައި ވާދަކުރާ ޓީމުގައި 23 އަހަރުން ދަށާއި އެއަށްވުރެ އުމުރުން ދޮށީ ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ގައުމީ ޓީމުން ފުރުސަތު ލިބިފައިނުވާ ކުޅުންތެރިން ކަމުގައި ވަނީ ނިންމާފައެވެ.
"ކުލަބުތަކުން ބައެއް ކުޅުންތެރިން މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން ދޫކުރާނެ. އަނެއްބައި ކުޅުންތެރިން ޓީމާ ގުޅޭނީ ދެ ވަނަ މެޗަށް. ޓީމުގައި ގިނަވާނީ 23 އަހަރުން ދަށުގެ ކުޅުންތެރިން،" އިންޑިޔާގެ އިސް އޮފިޝަލަކު ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ބެންގަލޫރު އެފްސީގެ ކުރީގެ އެސިސްޓެންޓް ކޯޗު ނައުޝާދު މޫސާއެވެ.
އިންޑިޔާއަކީ ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ޓީމެވެ. މިހާތަނަށް ނުވަ ފަހަރު އެ ގައުމުން މުބާރާތް ކާމިޔާބު ކޮށްފައިވާއިރު ތަށި ނުލިބި ދިޔައީ އެންމެ ހަތަރު މުބާރާތުގައެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފަށާނީ އަންނަ އާދިއްތަ ދުވަހު ބަންގްލަދޭޝްގައެވެ. ނޮވެމްބަރު 17އާ ހަމައަށް ކުރިއަށްގެންދާ މުބާރާތުގައި އިންޑިޔާ ހިމެނެނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާއެކު ގްރޫޕް އެކެއްގައެވެ. ބަންގްލަދޭޝް އާއި ބޫޓާނާއި ސްރީލަންކާ ހިމެނެނީ ގްރޫޕް ދޭއްގައެވެ. ސާކުގެ ހަތް ގައުމުގެ ތެރެއިން މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ނޭޕާލެވެ. އެ ގައުމު ވަނީ ފީފާއިން ސަސްޕެންޑް ކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕް: އިންޑިޔާއިން ފޮނުވާނީ 23 އަހަރުން ދަށުގެ ޓީމު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed