ޖެނޯއާ އަތުންވެސް ބަލިވެ, މިސިޒަންގައި ޔުވެންޓަސް ދަށް ނަތީޖާތައް ތަކުރާރު ވެއްޖެއެވެ. އިޓާލިއަން ސެރީ އޭ ގައި ޖެނޯއާ އަތުން ޔުވެސްޓަސް ބަލިވީ ރަށުން ބޭރުގައި 2-0 އިންނެވެ.

މެޗުގައި ޖެނޯއާ އިން ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު ޖަހައި، ލީޑް ނަގައިދިނީ ކިންގްސްލީ އެހިޒިބްޔޫއެވެ. އޭނާ ލަނޑު ޖެހީ ތޮމާސޯ ބަލްޑަންޒީ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އަދި ދެވަނަ ލަނޑު ޖެހީ ވެސް ބަލްޑަންޒީއެވެ.

މިބައްޔާއެކު ޔުވެންޓަސް ވަނީ ލީގު ތާވަލުގެ 8 ވަނަ އަށް ސޮއްސާލާފައެވެ. މިއީ ލީގުގައި މިސީޒަންގައި ޔުވެންޓަސްގެ ތިންވަނަ ބައްޔެވެ. ޖެނޯއާ އޮތީ 10 ވަނައިގައެވެ. މިހަފްތާގައި ނަޕޯލީއާ ދެކޮޅަށް ނިކުތުމުގެ ކުރިން މިނަތީޖާ ވާނީ ޔުވެންޓަސްގެ ކޯޗު ސްޕެލެއްޓީ އަށް ވަރަށް ބޮޑު ޕްރެޝަރަކަށެވެ.
މިސީޒަންގައި އަމިއްލަ ދަނޑުގައި ޖެނޯއާގެ ނަތީޖާތައް ގޯހެއް ނޫނެވެ. މިއީ އަމިއްލަ ދަނޑުގައި މިސީޒަންގައި ޖެނޯއާ އިން ހޯދި 4 ވަނަ މޮޅެވެ.

ސެރީ އޭގައި ނަޕޯލީ ވަނީ 4-1 އިން މޮންޒާ ބަލިކޮށްފައެވެ. މެޗުގައި ނަޕޯލީގެ ލަނޑުތައް ޖެހޯ ހޮއިލުންޑް, ޕޮލިޓާނޯ, މަރިން އަދި ކެވިން ޑި ބުރޭނާއެވެ. މޮންޒާގެ ހަމައެކަނި ލަނޑު ޖެހީ ވަރޭލާއެވެ. ނަޕޯލީ އޮތީ ޔުވެންޓަސް އަށްވުރެ ކުރިން ތާވަލުގެ 7 ވަނައިގައެވެ. ދެޓީމްގެ ދެމެޗުގައި އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.

ސެރީ އޭ ތާވަލުގެ އެއްވަނައިގައި އޮތީ 25 ޕޮއިންޓާއެކު އިންޓަރ މިލާނެވެ. ދެވަނައިގައި އޮތީ ހަމަ އެދަދަށް ޕޮއިންޓް ހޯދައިގެން ލާޒިއޯއެވެ. ތިންވަނައިގައި ރޯމާ އޮތީ 21 ޕޮއިންޓާއެކުއެވެ.