ކުލަބް އެމްޓީސީސީގެ މައްޗަށް ކުރިހޯދައި ކުލަބް ވެމްކޯއިން ގައުމީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ވެމްކޯއަށް ގައުމީ މުބާރާތުގެ ފައިނަލުން ޖާގަ ލިބުނުއިރު، އެ ޓީމުން ވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕާއި، ގައުމީ ވޮލީބޯޅަ ލީގު ވެސް ކާމިޔާބުކޮށްފައެވެ. އެއާއެކު ވެމްކޯއަށް ވޮލީ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު މި ވަނީ ފަހިވެފައެވެ.

ވެމްކޯއިން ގައުމީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލު މެޗުގައި އެމްޓީސީސީގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރިކޮށް ފެނުނުއިރު، މި ސެޓުގެ އެމްޓީސީސީން ކާމިޔާބުކުރީ ވެމްކޯއަށް ސެޓު ނިންމާލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ސެޓުގެ ފަހު ކޮޅު ހެދުނު ގޯސްތަކުގެ ސަބަބުންނެވެ. މި ސެޓު އެމްޓީސީސީން ކާމިޔާބުކުރީ 29-27 އިންނެވެ.

އެކަމަކު ޖެހިގެން އައި ތިން ސެޓުގައި ވެމްކޯ ފެނިގެންދިޔައީ ތަފާތުކޮށެވެ. އެގޮތުން ދެވަނަ ސެޓު ވެމްކޯއިން 25-23 އިން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު ވެމްކޯއިން ކާމިޔާބުކުރީ 26-24 އިންނެވެ. އަދި ހަތަރުވަނަ ސެޓުގައި އެމްޓީސީސީން ގިނަ ގޯސްތަކެއް ހެދިއިރު، މި ސެޓު ވެމްކޯއިން ވަނީ ފަސޭހަކަމާއެކު 25-15 އިން ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިއަދު ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ޕޮލިސް ކުލަބްގެ މައްޗަށް 3-1 ސެޓުން ކުރިހޯދައި ހުރާ ކޮމިއުނިޓީ ކުލަބުން ވަނީ ތިންވަނަ ސެމީއިން ޖާގަ ހޯދައިފައެވެ.

މި މެޗުގެ ސެޓުތައް ދިޔައީ، 19-25، 25-27، 25-20، 22-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ހުރާގެ ރަޓަރީ ވުލަންޑާރީއެވެ.

މި މުބާރާތުގެ ތިންވަނަ ސެމީގައި ހުކުރު ދުވަހުގެރޭ ހުރާއިން ނުކުންނާނީ ދެވަނަ ސެމީއިން ބަލިވި އެމްޓީސީސީއާ ދެކޮޅަށެވެ.