ޤައުމު ކުރި އަރައިގެންދާނީ ޒުވާނުން ޤައުމަށް ޚިދުމަތް ކުރުމަށް ބޭނުންވާ މިންވަރެއްގެ މައްޗައްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ތަޢުލީމު ހާސިލްކުރުމަށްފަހު ދެން އޮންނަންޖެހޭނީ ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހުކަމަށެވެ. އޮފީސްތަކުގައި ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ބޭނުމުގައި އޮފީހަށް ދާ މީހުން ފެންނަމުންދާކަމަށާއި މިހެން ދިމާވަނީ ޤައުމަށް ޚިދުމަތްކުރުމުގެ ރޫހު ކުޑަވުމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރައްޔިތު މީހައަށް ދޭ ޚިދުމަތް ވާންވާނީ އިޙްލާސްތެރިކަމާއެކު ދޭ ޚިދުމަތަކަށެވެ. ވަޒީފާގެ ވަގުތު ހަމަވިކަމުގައި ވީނަމަވެސް ރައްޔިތަކަށް ޚިދުމަތެއް ދޭން ޖެހޭނަމަ އެކަން ކުރުން ކޮންމެ މުވައްޒަފެއްގެ ރޫހަކަށް ވާންވާނެކަމަށް ވިދާޅުވިއެވެ. ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރި އަރައިގެންދާނީ އެ ޤައުމެއްގައި ކުރިއަރަމުން އަންނަ ޒުވާނުން ޤައުމަށް ޚިދުމަތް ކުރުމަށް ބޭނުންވާ މިންވަރެއްގެ މައްޗައްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިން ބޮޑުވާނީ މި ޤައުމުގައި. އެހެންވީމައި ކޮންމެ މީހަކުވެސް ކޮންމެ ދަރިވަރެއްގެވެސް އަދި ދަސްވެނިވެގެން ނުކުންނަ ދަސްވެނީއެއްގެ އަދި ކޮންމެ ފަރުދެއްގެ ޒިންމާއަކަށް ވާންވާނީ މި ދެންނިވޮތަށް ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހު ހުރުން" ވަޒީރު ވިދާޅުވިއެވެ.
ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ދަރިވަރުން ހާސިލްކުރި ސަނަދާއެކު މައިންބަފައިންނާއި ޤައުމު އެދޭފަދަ ބަޔަކަށް ވާނެކަމަށް އުންމީދު ކުރައްވާކަމަށައި އަދި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ހޯދުމުގައި މަސައްކަތް ކުރާ ބަޔަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު މަދުކޮށް އަބަދުވެސް އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.