ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމްކޮށްދެއްވާނެކަމަށާއި، މިހާރަށް ވުރެ ބޮޑަށް އެކަމަށް އިސްކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
އެ އާއްމު މީހާވަނީ ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށްފައެވެ. އެގޮތުން ނުކުޅުދުންތެރިކަން ހުންނަ މީހުންގެ މަރުކަޒުގެ ހާލަތު ހުރީ އެންމެ ރަނގަޅަށް ނޫންކަމަށް ފާހަގަކޮށް އެ މައްސަލަ ހައްލުކުރަން އެދިފައިވެއެވެ. އަދި ވަޒީފާގެ ފުރުސަތުތައް ލިބުމުގައި ހުރި ދަތިތައް ޙިއްސާކޮށްފައިވެއެވެ. އެގޮތުން އިންޓަރންޝިޕް ފުރިހަމަކޮށް، އިންޓަރވިއުތަކަށް ދިޔަނަމަވެސް އޭގެ ފަހުން ފުރުސަތުތައް ނުލިބޭތީ، އެ ކަންބޮޑުވުން އޭނާ ވަނީ ރައީސާ ޙިއްސާކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެއްވެސް ފަރާތެއް ބާކީ ނުކޮށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެއްވުމަކީ އެ މަނިކުފާނު ވަރަށް އިސްކަން ދެއްވާ ސިޔާސަތެއްކަމަށެވެ. އެގޮތުން ކުންފުނިތަކުގެ ވެރިންނަށްވެސް ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ވަޒީފާގެ މާހައުލެއް ޤާއިމްކޮށްދެއްވުމަށް ދަންނަވާފައިވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ވަރަށް މުހިންމު ވާހަކައެއްތިއީ. ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ ތި މައްސަލަ އަށް ހައްލު ލިބޭނެ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް އިތުރު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެންމެން ޝާމިލްވާ މުޖުތަމަޢުއެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް މަޤްސަދުކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރު ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ ރާއްޖޭގައި ނާޒުކު އާބާދީތައް ބާރުވެރިކުރުވުމަށްޓަކައި ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. ރައީސް ވިދާޅުވީ އެ މަޝްރޫޢުގެ ބޭނުމަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުންކަމަށެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ، ދިވެހި މުޖުތަމަޢުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އެންމެ ބޭނުންވާ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެއާއެކު ޞިއްޙީ އަދި އެހެނިހެން ޚިދުމަތްތައް ހަމަހަމަކަމާއެކު ހޯދުމަށް މަގުފަހިވާނެއެވެ.
އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
"ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމްކޮށްދޭނަން"
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed