އިންޑިއާގެ އައިޓެކް ދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން، އައިޓެކްއަކީ އިންޑިއާ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ދަށުން ހިންގާ، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ އެއް ޕްރޮގްރާމެވެ.

އިންޑިއަން ހައިކޮމިޝަނުން މި ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވާފައިވާއިރު މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްބޭފުޅުންނާއި އިންޑިއަން ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނާރއާއި އެ ކޮމިޝަންގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮގްރާމްތަކުގެ އެހީގައި ރާއްޖޭގެ އެތައް ހާސް ބަޔަކު ވަނީ ތަމްރީނު ހޯދާފައެވެ. މީގެ އިތުރުން، އެކި ދާއިރާތަކުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ދަށުންނާއި، ޚާއްޞަކޮށް ހިންގުމުގެ ދާއިރާ، ޓެކްނޮލޮޖީ، އިއާދަކުރަނިވި ހަކަތަ އަދި މީޑިއާ ފަދަ ދާއިރާތަކުން ބޭއްވުނު ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކުގެ ފައިދާ އެތައް ހާސް ބަޔަކަށް ވަނީ ލިބިފައެވެ.

އިންޑިއާގެ އައިޓެކް ދުވަސް ރާއްޖޭގައި ފާހަގަކޮށްފި
އިންޑިއާގެ އައިޓެކް ދުވަސް ރާއްޖޭގައި ފާހަގަކޮށްފި
އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން، އައިޓެކް ދުވަސް ރާއްޖޭގައި ފާހަގަކުރުން--

އިންޑިއާއާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތަކުގެ ދަށުން ހިންގާ މުހިންމު މަސައްކަތްތަކަށް ބަލާއިރު 2019 ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސް ކޮމިޝަންގެ 1269 މުވައްޒަފަކަށް ހެޔޮވެރިކަމުގެ ނިޒާމާއި ގުޅުންހުރި ތަމްރީނު ދީފައިވެއެވެ. އަދި ހަމަ އެއަހަރުން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 360 އޮފިސަރަކަށް ކަސްޓަމްސްގެ އާންމު އަދި އަލަށް ތައާރަފުވަމުންދާ ދާއިރާތަކުން ތަމްރީނު ފޯރުކޮށްދީފައިވެއެވެ.

2020 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީގެ ޕްރޮގްރާމްތަކުގެ ދަށުން 323 ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. 2022 ވަނަ އަހަރުން ފެށިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލޯކަލް ގަވަމަންޓްގެ 334 މަންދޫބަކު ވަނީ ތަމްރީނުކުރެވިފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ހިންގާ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން އެމްއެންޑީއެފްގެ 1948 އޮފިސަރަކު ވަނީ ތަމްރީނު ހާސިލުކޮށްފައެވެ.

1964 ވަނަ އަހަރު އުފެދުނު އައިޓެކް ޕްރޮގްރާމްއަށް މިހާރު 62 އަހަރު ފުރިފައިވާއިރު، މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބު ޕްރޮގްރާމެއްކަމަށް އިންޑިއަން ހައި-ކޮމިޝަނުން ވިދާޅުވެއެވެ. މި ޕްރޮގްރާމުގެ ދަށުން ދުނިޔޭގެ 160 އަށްވުރެ ގިނަ ޤައުމަކުން 200,000 އަށްވުރެ ގިނަ ފަންނީ މީހުން މިހާތަނަށް ވަނީ ތަމްރީނުކޮށްފައެވެ.

އިންޑިއާގެ 100 އަށްވުރެ ގިނަ މުއައްސަސާއެއްގައި ހިންގާ 400 އެއްހާ ތަފާތު ކޯސްތަކުގެ ތެރެއިން، ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 10,000 ތަމްރީނު ފުރުޞަތު މި ޕްރޮގްރާމުން ފަހިކޮށްދެއެވެ. މި ތަމްރީނުތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް، އޭއައިއާއި ޑިޖިޓަލް ގަވަރނަންސްގެ އިތުރުން، ޞިއްޙީ އަދި ސަލާމަތީ ދާއިރާ ފަދަ ތަފާތު އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ތަމްރީނުތައް ފޯރުކޮށްދެވެއެވެ.

އިންޑިއާގެ އައިޓެކް ދުވަސް ރާއްޖޭގައި ފާހަގަކޮށްފި
އިންޑިއާގެ އައިޓެކް ދުވަސް ރާއްޖޭގައި ފާހަގަކޮށްފި
އިންޑިއާގެ އައިޓެކް ދުވަސް ރާއްޖޭގައި ފާހަގަކޮށްފި
އިންޑިއާގެ އައިޓެކް ދުވަސް ރާއްޖޭގައި ފާހަގަކޮށްފި