ދިވެހި ސިފައިންގެ ކުލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާ ގައުމީ ވޮލީބޯޅަ މުބާރާތް ޕޮލިސް ކުލަބުން ކާމިޔާބުކުރިއިރު، ކާމިޔާބީގެ އަސްލަކީ ކުޅުންތެރިންގެ ޑިސިޕްލިން ކަމަށް ޕޮލިހުގެ ކޯޗު ނަސްރުﷲ ތޯހާ ބުނެފިއެވެ.

މިއީ 2019 ވަނަ އަހަރުގެ ފަހުން ވޮލީގެ ފުރަތަމަ ޑިވިޝަނުގެ މުބާރާތެއް ޕޮލިހުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ޕޮލިހަށް އެންމެ ފަހުން 2019 ވަނަ އަހަރު އުފުލާލި ތައްޓަކީ ގައުމީ ވޮލީބޯޅަ ލީގެވެ.

މި ކާމިޔާބީއަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ކޯޗު ނަސްރުﷲ ބުނީ، މި ކާމިޔާބީގެ އަސްލަކީ ކުޅުންތެރިންގެ އަހުލާގުކަމަށެވެ. އަދި މި ކާމިޔާބު ހޯދަން ޕޮލިސް ކުލަބްގެ މެނޭޖުމަންޓުގެ ފަރާތުން ލިބުނު އެއްބާރުލުން ނަސްރުﷲ ފާހަގަކުރިއެވެ.

ނަސްރުﷲ ބުނީ ޕޮލިސް ކުލަބުގައި ތިބި ކުޅުންތެރިންނަކީ ވަރަށް އުންމީދީ ކުޅުންތެރިންތަކެއް ކަމަށެވެ. އަދި ޕޮލިހުގައި ތިބި ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނާއެކު ކުރިން ވެސް މަސައްކަތް ކުރަން ފުރުސަތު ލިބުނު ކަމަށާއި، އެހެންވެ ކުޅުންތެރިންގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

ނަސްރުﷲ ބުނީ ޕޮލިހުގައި މިހާރު އޮތް ސްކޮޑަށް ކުރިއަށް އޮތް ތަނުގައި ވެސް ކާމިޔާބު ހޯދޭނެ ކަމަށާއި، އެ ފެންވަރު ކުޅުންތެރިންގެ އެބަހުރި ކަމަށެވެ. ނަސްރުﷲ ބުނީ ޕޮލިހުން ހޯދި ކާމިޔާބީގައި ކުޅުންތެރިން މި ފަހަރުގެ ސީޒަނުގައި ކުރި ހިތްވަރު ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

ޕޮލިހުން މި ފަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޕޮލިހުގެ އަންދްރޭ ވެސިލެންކޯ، އަލީ މައުރޫފް، އަހުމަދު ނާފިއު ހިމެނުނެވެ. އަދި އެންމެ މޮޅު ކޯޗަކީ ނަސްރުﷲ އެވެ.