ވަޒީފާގެ މާހައުލަށް ނުކުންނައިރު ޢިލްމާ އެއްވަރަށް ޝަހުސިއްޔަތާއި ހުނަރުވެރިކަން މުހިންމުކަމަށް، ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހާކަދައްކަވަމުންނެވެ.

ދަރިވަރުން ކިޔެވުމުގައި ދިގު މުއްދަތެއް ހޭދަކުރާކަމަށާ، އެ ހުރަސްތައް ގިރާކޮށް ދަރިވަރުން ކުރި ދަތުރު ހަނދާން ބަހައްޓަންވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުން ޢަމަލީ މައިދާނުގައި ފިލާވަޅު ހާސިލްކުރުމަށް ވަޒީރު ހިތްވަރުދެއްވިއެވެ.

ހަމައެއާއެކު، ޔުނިވަރސިޓީން ޢިލްމީ ސަނަދަކާއެކު ވަކިވި ނަމަވެސް އެއީ ދަރިވަރުންގެ ތަޢުލީމީ ހަޔާތުގެ ނިމުންކަމަށް ނުބެލުމަށް ވަޒީރު ޢިލްތިމާސްކުރެއްވިއެވެ. މަސައްކަތުގެ މާހަޢުލަކީ ހަލުވިކަމާއެކު ބަދަލުވަމުންދާތަނެއްކަމަށާ، ޓެކްނޮލޮޖީއާއެކު އުނގެނުމާއި މަސައްކަތުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދަސްކުރާ އެއްޗެއްގެ ބޭނުން ހިފޭނީ އުނގެނުން މެދުކަނޑާނުލާ، އަމިއްލަ ނަފްސު ތަރައްޤީކުރަން މަސައްކަތްކޮށްގެންކަމަށްވެސް ވަޒީރު ޤީލާ ވިދާޅުވިއެވެ.

"ދަސްކުރާ ޢިލްމާ ހުނަރު އިމްތިހާނު ކުރާނެ އެތައް ކަމެއް ދިމާވާނެ. ތިމާގެ ސުލޫކާ އަހުލާކު އިމްތިހާނު ކުރެވޭ ދަނޑިވަޅުވެސް އަންނާނެ. މަކަރާ ހީލަތާ ދިމާވިޔަސް ތެދުވެރިކަން އިޚްތިޔާރުކުރަންވާނެ. އަމިއްލަ ޒިންމާ އުފުލުން އިސްކުރަންވާނެ." ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

"ޢިލްމާއި އެއްވަރަށް ޝަހުސިއްޔަތާއި ހުނަރު މުހިންމު"
"ޢިލްމާއި އެއްވަރަށް ޝަހުސިއްޔަތާއި ހުނަރު މުހިންމު"

އެމްއެންޔޫ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޔޫ

ވަޒީރުގެ ވާހަކަފުޅުގައި ނަޒާހަތްތެރިކަމާއި އިޚުލާސްތެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެންމެ ބޮޑަށް އާއްމުންގެ ހަނދާނުގައި ހުންނާނީ އެހެން މީހުންނާމެދު މީހަކު ޢަމަލުކުރާ ގޮތްކަން ފާހަގަކުރައްވާ ވަޒީރުވަނީ އެހެން މީހުންނާމެދު އިޚުތިރާމާއެކު މުޢާމަލާތުކުރުމަށް ޢިލްތިމާސްކުރައްވާފައެވެ.

"ގޮންޖެހުންތަކަށް ފަސް ނުޖެހި ނާކާމިޔާބީއާ ކުރިމަތިލާ އަލުން ހިތްވަރާއެކު މަސައްކަތްކުރުން މުހިންމު. އަބުރާ ޢިއްޒަތް ރައްކާކޮށް، އުސޫލުތަކުގެ މަތީގައި ޤާއިމްވެހުރުން މުހިންމު" ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

ވަޒީފާގެ މައިދާނުގައި ކާމިޔާބަކީ މަޤާމާއި މުސާރަ އެކަނިކަމަށް ބަލައިގެން ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ކާމިޔާބީއަކީ ދަސްވެނިންގެ ފަރާތުން މުޖުތަމަޢުއަށް ކުރާ ފައިދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ޤައުމަށް ބޭނުންވާ ފަދަ ބަޔަކަށްވުމަށް ވަޒީރު ޢިލްތިމާސްކުރެއްވިއެވެ.