ރާޑަރާއި ނެވިގޭޝަން ނިޒާމުތައް ނިއްވާލައިގެން، އިންޒާރުތަކަށް ބޯނުލަނބާ ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ތެޔޮ އުފުލާ ތިން އުޅަނދެއްގައި ކަނޑުއަޑީގެ މައިންތަކެއްގައި ޖެހިގެން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރްޖީސީގެ ކަނޑުގެ ސިފައިން ހާމަކޮށްފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅީގެ ދެކުނު ސަރަހައްދުން ހުއްދަނެތި ދަތުރުކުރި ތެޔޮ އުފުލާ 3 އުޅަނދެއްގައި މައިންއެއްގައި ޖެހި ރޯވެފައިވާކަމަށެވެ. މި އުޅަނދުތަކުން ސިގްނަލްތައް ކަނޑާލައި، ރިވޮލިއުޝަނަރީ ގާޑްސްގެ ކަނޑުގެ އަސްކަރިއްޔާއިން ދިން އިންޒާރުތަކަށް އިޖާބަދީފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ލިބުނު ގެއްލުމުގެ ތަފްސީލު އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށް އެ އިދާރާއިން ބުންޏެވެ. މި މައުލޫމާތު އެ އިދާރާއަށް ހިއްސާކޮށްފައިވަނީ އޮމާންގެ ޚަސަބް ސަރަހައްދުގެ އުތުރުން ގާތްގަނޑަކަށް 17 ކިލޯމީޓަރު (9 ނޯޓިކަލް މޭލު) ބޭރުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދެއްގެ ކެޕްޓަނެކެވެ.

ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް މަގު ކަމުގައިވާ ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ މަސްރަހު މިފަހުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދުމަށް އީރާނުން މަސައްކަތް ކުރަމުންދާއިރު، ހުއްދަނެތި ދަތުރުކުރާ އުޅަނދުތަކަށް ދަނީ ހުރަސްއަޅަމުންނެވެ. އަދި މީގެ ރައްދެއްގެ ގޮތުން، އީރާނުގެ ބަނދަރުތަކަށް ވަދެނުކުމެވާ އުޅަނދުތަކަށް އަމާޒުކޮށް އެމެރިކާއިންވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.