ތުރުކީވިލާތުގެ ޖުމްހުރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޙިއްސާކުރެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރުކީވިލާތުގެ ރައީސް އުރްދުޣާނަށާއި، އެ މަނިކުފާނުގެ ސަރުކާރަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މިމުނާސަބަތަކީ ތުރުކީވިލާތުގެ ވިލުންތެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ މުނާސަބަތެއް ކަމަށާއި މިއީ އެޤައުމުގެ ސިޔާދަތާއި، ތަރައްޤީ އާއި ޤައުމު އުފެއްދުމުގެ އަސާސްތައް ދެމެހެއްޓުމުގައި ޤަރުނެއް ކަޑައްތު ކޮށްފައިވާކަން ފާހަގަކުރެވޭ މުނާސަބަތު ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށާއި، އެއީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދޭ އެއްބާރުލުމާއި، އެކުވެރިކަމަށް ދޭ އަހަންމިއްޔަތު ފާހަގަވެގެންދާކަމެއް ކަމުގައި ވިދާޅުވިއެވެ.
President extends greetings on Türkiye’s Republic Day
https://t.co/mQLWwZd6ez— The President's Office (@presidencymv)October 29, 2026
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އަންނަ މަހު އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31ގެ ހައި-ލެވެލް ސެގްމެންޓް ބައްދަލުވުމުގައި ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނާއި ބައްދަލުވެވަޑައިގެން، އެބައްދަލުވުމުގައި ދެގައުމުގެ ދޭދޭ ގުޅުންތަކުގެ ކުރިއެރުން މުރާޖާ ކުރެވި، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ފާހަގަކުރެވޭނެކަމުގެ އުއްމީދު އައުކުރައްވަމުންނެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ތުރުކީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ތުރުކީއަށް ވަނީ ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ބޭއްވި މަޝްވަރާތަކާއެކު ތުރުކީން ވަނި ރާއްޖެއަށް އަސްކަރީ މަނަވަރެއްވެސް ހަދިޔާކުރައްވާފައެވެ. އަދި ރާއްޖެއާއި ތުރުކީއާ ދެމެދު ކަނޑައެޅޭ ވަކި މުދާތަކެއްގެ ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލާއި މިހާރު ވަނީ އަމަލު ކުރަންވެސް ފަށާފައެެވެ.
ރާއްޖެއާއި ތުރުކީއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1979 ވަނަ އަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހުއެވެ.