މިއަހަރުގެ ވަރަ އެކްސްޕޯގެ އަމާޒަކީ، ޒުވާނުންނަށް 1500 ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެވެ. ނަޒީރު މިހެން ވިދާޅުވީ، މިއަހަރުގެ ވަރަ އެކްސްޕޯގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރ އަދި މެއިން ސްޕޮންސަރެއްގެ ގޮތުގައި ސަން ސިޔާމް ގްރޫޕްސް ހަމަޖައްސައި، އެކަމުގެ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުމަރު ޒާހިރު ބިލްޑިންގގައި ބޭއްވި މިރަސްމިއްޔާތުގައި ސަން ސިޔާމް ރިސޯރޓްސްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ، އެކުންފުނީގެ ގްރޫޕް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޒުލައިޚާ މަނިކެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަޒީރެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ އެކްސްޕޯގައި ޒުވާނުންނަށް 1،100 ވަޒީފާ ފަހިކޮށްދީފައިވާ ކަމަށާއި، މިއަހަރުގެ އަމާޒަކީ ފަނަރަ ސަތޭކައެއްހާ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މިދިޔަ އަހަރުގެ ކާމިޔާބީއަށް ބެލުމަށްފަހު މިއަހަރު އަމާޒު ހިފާފައިވަނީ، ތިރީސް ފަސްހާސް ޒުވާނުންނަށް އެކްސްޕޯގެ ތެރެއިން ފަހިކޮށްދެވެން ހުރި ވަޒީފާއާއި ހުނަރުތައް ތަޖުރިބާ ކުރެވޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"މިއަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ ފަނަރަ ސަތޭކައެއްހާ ވަޒީފާ އެތަނުން ފަހިކޮށްދެވުން. މައުލޫމާތު ލިބޭ ގޮތުގައި މިއަންނަ އަހަރު ޓޫރިޒަމް އިންޑަސްޓްރީއަށް އަލަށް އެބަހުޅުވޭ 3 ރިސޯޓު އަދި އެސްއޯއީތަކުންނާއި، އެހެނިހެން އެކިއެކި ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި މިތަނުން އަޅުގަނޑުމެން އަންނަނީ އެކިއެކި ފަރާތްތަކުން އެޕްރޯޗު ކުރައްވަމުން." ނަޒީރު ވިދާޅުވިއެވެ.
ސަންސިޔާމް ގުރޫޕުގެ ފަރާތުން ސަންސިޔާމް ރިސޯޓްސްގެ ޑެޕއުޓީ މެނޭޖިން ޑިރެކްޓަރ ޒުލޭހާ މަނިކު ވިދާޅުވީ، ރިސޯޓުތަކުގައި ހުރި ވަޒީފާތަކާއި އިންޓާންޝިޕުގެ ފުރުސަތުތައް އަދި މިނޫންވެސް ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް އެކްސްޕޯގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ސަން ސިޔާމުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، މި އެކްސްޕޯގައި ސަން ސިޔާމަށް ޚާއްޞަ އިމްތިޔާޒުތަކަކާއި ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެކްސްޕޯގެ ހުރިހާ ޑިޖިޓަލް ކެމްޕޭންތަކުގައްޔާއި، ވުޒާރާގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ސަން ސިޔާމް ގްރޫޕަކީ، މައި ސްޕޮންސަރުގެ ގޮތުގައި އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، މުހިންމު ހުނަރުތަކުގެ އިތުރުން އުފެއްދުންތެރިކަން ދައްކާލުމަށް ބާއްވާ މިފަދަ އެންމެ ބިޔަ އެކްސްޕޯއެވެ. މި އެކްސްޕޯ ވެގެންދާނީ، ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން އެދޭ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ މުހިންމު މަޢުލޫމާތުތައް ޙިއްޞާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށެވެ.
ވަރަ އެކްސްޕޯއަކީ، ފާއިތުވި ދެތިން އަހަރު އެފޯރަމަކުން މަތީތައުލީމާއި، ތަމްރީނާއި ހުނަރާ އަދި ރާއްޖޭގައި ހުރި އެންމެ ބޮޑެތި ވަޒީފާ ދޭ ފަރާތްތައް އެއްތަނަކަށް ގެނެސް ހުރި ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.
މި އަހަރުގެ އެކްސްޕޯ އޮންނާނީ، ނޮވެމްބަރު މަހުގެ 26އިން 28އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.