އިންޑިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެރި ބާރުގަދަ ތޫފާން އާރްނޯބް ގެ ބާރުދަށްވި ނަމަވެސް، މި ތޫފާނުގެ ސަބަބުން މިހާތަނަށް މަދުވެގެން 5 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

އިންޑިއާގެ މޫސުމާ ބެހޭ ޤައުމީ އިދާރާ (އައިއެމްޑީ) އިން ބުނެފައިވާ ގޮތުގައި، އަންދްރަ ޕްރަދޭޝް، އޮދިސާ، ޗައްތީސްގަޅު އަދި ތެލަންގާނާގެ ސަރަހައްދުތަކަށް އެރި މި ތޫފާނުގެ ބާރު މިހާރު ދަނީ އިތުރަށް ދަށްވަމުންނެވެ.

މި ތޫފާނުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު އަންދްރަ ޕްރަދޭޝް އިން 5 މީހުން މަރުވެފައިވާއިރު، އެ ސްޓޭޓުގެ 15,000 ކަރަންޓު ހޮޅިދަނޑި ވަނީ ވެއްޓިފައެވެ.

އަދި 14 ހިސާބަކުން 224,489 ހެކްޓަރުގެ ދަނޑުބިންތަކުގައި ފެންބޮޑުވެ، 3.45 ލައްކަ ދަނޑުވެރިންނަށް ސީދާ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ސްޓޭޓުގެ ޗީފް މިނިސްޓަރު އެން. ޗަންދްރަބާބޫ ނައިޑޫ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި ހާދިސާގައި ފުރާނަ ގެއްލުނު ކޮންމެ މީހެއްގެ އާއިލާއަށް 5 ލައްކަ ރުޕީސްގެ މާލީ އެހީތެރިކަމެއް ދިނުމަށް ވެސް އެ ސްޓޭޓް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ކާރިސާއާ ގުޅިގެން އިންޑިއާގެ މަރުކަޒީ ދާޚިލީ ވަޒީރު އަމިތު ޝާހު ވަނީ އަންދްރަ ޕްރަދޭޝް، ޕުޑުޗެރީ، އޮދިސާ އަދި ޗައްތީސްގަޅުގެ ވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. އަދި އަސަރުކޮށްފައިވާ ސަރަހައްދުތަކުގެ ރައްޔިތުންނަށް ބޭނުންވާ އެންމެހައި އެހީތެރިކަމެއް މަރުކަޒީ ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މިހާރު ވެސް ޤައުމީ ކާރިސާތަކުގައި އެހީތެރިވާ ޓީމުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނައިރު، ލިބުނު ގެއްލުންތައް ވަޒަންކުރުމަށްޓަކައި މަރުކަޒީ ހާއްސަ ވަފުދެއް އެ ސަރަހައްދުތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.