އަލަށް ފަށާ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ފަންޑެއް ޤާއިމްކުރުމަށް ނިންމައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ބަޔާން އިއްވަވަމުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވޭ ބައެއް މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އަމާޒަކީ ދިވެހި ޒުވާނުންނަކީ ވަޒީފާ އަދާކުރާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމެވެ.

މި އަމާޒު ހާސިލްކޮށް ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެސްއެމްއީ ސްޓާޓްއަޕް ފަންޑެއް ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.

"ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށްޓަކައި، އެސްއެމްއީ ސްޓާޓަޕް ތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުން މި ބަޖެޓުގައި ހިމެނޭ. މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް." މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިޤްތިސާދުގެ މައިބަދަ ކަމަށްވާއިރު، ދިވެހި ކޮންމެ ކުޑަ ވިޔަފާރިއެއްގެ ފަހަތުގައި ހުންނާނީ، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ ނިޔަތުގައި، އަދި ރާއްޖޭގެ އިޤްތިސާދުގެ ދުވެލި ހަލުވިކޮށްދޭނެ އަޒުމެއްގައި ހުރި ދިވެއްސެއް ކަމަށެވެ. އެހެންކަމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދީ ޓެކްސް ދެއްކުމުގެ ބުރަ ލުއިކޮށްދީ އެ ވިޔަފާރިތައް ކުރިއަރުވައި، އިގުތިސާދުގައި އެ ފަރާތްތަކުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި، ޓެކްސް ދައްކަން ފަށަންޖެހޭ އާމްދަނީގެ މިންވަރު މަތިކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ޖަނަވަރީން ފެށިގެން އަމަލުކުރާގޮތަށް، ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިޔަން ރުފިޔާއިން 1.5 މިލިޔަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ މިހާރު އިއުލާނު ކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ސަރަހައްދީ ފެންވަރެއްގައި އިޤްތިޞާދީ ހަރަކާތްތެރިކަން އިތުރުކޮށް އެސްއެމްއީތައް ކުރިއެރުވުމަށް "އައްޑޫ އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން" އެކުލަވާލުމަށް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ޒޯންގެ މަސައްކަތް ފެށުމުން މިކަމުގެ ސަބަބުން އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ލުއި ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން އައްޑޫގައި ޤާއިމްކުރާ އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯންގެ ތެރެއިން ސަރުކާރުގެ ނުވަތަ ދައުލަތުގެ ބިމެއް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާނަމަ، އެ ބިމެއްގެ ކުލި އެއްކޮށް މަޢާފުވުމާއި، ބީޕީޓީ ނުވަތަ އިންކަމް ޓެކްސް ދައްކަން ނުޖެހުމާއި، ބިދޭސީ މުވައްޒަފުންގެ ކޯޓާގެ އަހަރީ ފީއަށް ބޮޑެތި ލުއިތަކެއް ލިބުމުގެ އިތުރުން އެ ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ އުޅަނދުތަކުގެ އަހަރީ ފީ މަޢާފުވުން ފަދަ ލުއިތައް ހިމެނޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.