2027ގެ ބަޖެޓަކީ ދިވެހިންގެ މާދަމާގެ ހަމަޖެހުމާއި، ރައްކާތެރިކަމާއި ތަރައްޤީ ކަށަވަރުކޮށްދޭ ބަޖެޓެއްކަމަށް ރައްޔިތުންގެ މަޖިލީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ބަޖެޓް ހުށަހެޅުމަށް ބޭއްވި ޖަލްސާ ނިންމާލުމުގެ ގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ދިވެހިންގެ ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަންކަން ބަޖެޓުން ފެނިގެންދާކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓް ދިރާސާ ކުރައްވާނީ މާލިއްޔަތު ކޮމިޓީ އާއި އިޤްތިޞާދީ ކޮމިޓީގެ ގުޅިފައިވާ ކޮމިޓީއަކުންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާދުގެ 33 ވަނަ މާއްދާގެ (ރ)ގައިވާގޮތުގެ މަތިން ބަޖެޓު ދިރާސާކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އުސޫލާ އެއްގޮތަށް ބަޖެޓް ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަސް ދިނުމަށް ފަހު ބަޖެޓުގެ ބަހުސް އެޖެންޑާކުރައްވާނެކަމަށެވެ.

ބަޖެޓު މަޖިލީހަށް ހުށަހަޅާފައި ވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރުއެވެ. ބަޖެޓު ހުށަހަޅުއްވާދެއްވުމަށްފަހު ވަޒީރުވަނީ، ބަޖެޓްގެ މަޤްސަދު ނުގެއްލޭ ގޮތަށް ބަޖެޓަށް ބަދަލު ނުގެނެސް ފާސްކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މަޖިލީހުން ޤައުމުގެ ތަރައްޤީއަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި، ޚަރަދުގެ ގޮތުގައި 52.6 ބިލިޔަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، އޭގެ ބޮޑުބައި ހިއްސާކުރަނީ ރިކަރަންޓު ޚަރަދުގެ ގޮތުގައި ހިމަނާފައިވާ 42.7 ބިލިޔަން ރުފިޔާއެވެ. ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ އަދި ޕީއެސްއައިޕީއަށް 8.2 ބިލިޔަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އަޅާ ބަލާއިރު 4.5 ބިލިޔަން ރުފިޔާ މަދު ބަޖެޓެކެވެ. މިއަހަރުގެ ބަޖެޓަކީ 64.2 ބިލިޔަން ރުފިޔާއެވެ.