2027ވަނަ އަހަރު ރާއްޖެއަށް މަދުވެގެން 2.28 މިިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށް، ބެޑްނައިޓްސް 14.5 މިލިޔަނަށް އިިތުރުވާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައި ދެއްވި ބަޔާނުގައި ވަޒީރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އަމާޒުތައް ހިއްސާކުރައްވާފައެވެ.
މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދީ ދުވެލީގެ މައި ހަކަތައަކީ ފަތުރުވެރިކަމުގެ ސިނާޢަތް ކަމަށެވެ. އަދި މިއަހަރު ފެށުނުއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދިނަމަވެސް މެދު އިރުމަތީގެ ހަނގުރާމައިގެ ސަަބަބުން މުޅި ދުނިޔޭގެ ވިޔަފާރިއާއި ދަތުރުފަތުރަށް ލޮޅުންތަކެއް ކުރިމަތިވި ކަމަށެވެ.
"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދިޔަ. ވައިގެ ދަތުރުފަތުރުގެ އަގު އުފުލި، އެއާލައިންތަކުގެ ދަތުރުތައް މަދުވާން ފެށި. މީގެ ސީދާ އަސަރު އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރި. އެގޮތުން، ޔޫރަޕްގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން މެދުއިރުމަތީގައި ޓްރާންސިޓްކުރާ ހަބުތަކަށް ބުރުއަރައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރަށް ނޭދެވޭ އަސަރުތަކެއް ކުރި،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މާރިޗު މަހާއި އެޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 23 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. އަދި މިއަހަރުގެ އޮކްޓޫބަރުމަހު 27ގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު، 3.7 އިންސަތައިން ދަށްވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން މިއަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ކަނޑައެޅި އަމާޒަށް ވާސިލްވާނެ ކަމަށް ނުބެލެވުނު ނަމަވެސް މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ ގާތްކުރާ މިންވަރަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އަންނަ އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ކުރިއަރުވައި، އޭގެ މަންފާ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، އަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އަންނަ އަހަރު ރާއްޖެއަށް ގާތްގަނޑަކަށް 2.28 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، ވިޒިޓް މޯލްޑިވްސް އިޔަރގެ ހަރަކާތްތައް މެދުވެރިކޮށް، އިތުރު 2 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނެވި، ޖުމްލަ 2.5 މިލިޔަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ހިނގާ 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖެއަށް 2.17 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށް، ބެޑްނައިޓްސް 13.9 މިލިޔަނުގައި ހުންނާނެކަމަށް މިހާރު ބެލެވޭ. 2027 ވަނަ އަހަރަކީ ފަތުރުވެރިކަމަށް މުހިއްމު އަހަރެއް. އެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2.28 އާ 2.5 މިލިއަނާއި ދެމެދުގެ މިންވަރަކަށް ކުރިއަރައި، ރާއްޖޭގައި ހޭދަކުރާ ބެޑްނައިޓްސް 14.5 މިލިޔަނަށް އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި އަމާޒަށް ވާސިލުވެވޭނީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތް ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. އެގޮތުން، ފަތުރުވެރިކަމާބެހޭ ވުޒާރާއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކާ ގުޅިގެން ރާއްޖެ އިސްތިހާރުކުރުން ވަރުގަދަކޮށް، ފަތުރުވެރިކަމުގެ އޮފް-ޕީކް ސީޒަންގައިވެސް ގިނަ ފަތުރުވެރިން ގެނައުމަށާއި، ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.