އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) ގެ އިސްތިރާޖީ، ރޭވުންތަކާއި ޕޮލިސީ (ޖޭ-5) ގެ ޑިރެކްޓަރު، އާމީ ލެފްޓިނެންޓް ޖެނެރަލް ބްރެޓް ސިލްވިއާ، ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ކުއްލި ގޮތަކަށް މަޤާމުން ވަކިކުރައްވައިފިއެވެ.
އެމެރިކާ ސަރުކާރުގެ އިސް 2 އޮފިޝަލަކު ވިދާޅުވީ، ދިފާއީ ސެކްރެޓަރީ ޕީޓް ހެގްސެތު މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕެންޓަގަންގެ އިސް މަޤާމުތަކަށް ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން، މި ހަފުތާގައި ސިލްވިއާވެސް މަޤާމުން ދުރުކޮށްފައިވާ ކަމަށެވެ. އެމެރިކާ އަސްކަރިއްޔާގެ 101 ވަނަ އެއާބޯން ބައިގެ ކުރީގެ ކޮމާންޑަރުކަން ވެސް ކުރައްވާފައިވާ ސިލްވިއާ މަޤާމުން ވަކިކުރެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް ސާފުވާގޮތެއް ނުވެއެވެ.
މި ނިންމުމާ ގުޅިގެން ޖޮއިންޓް ސްޓާފްގެ ތަރުޖަމާނު ވިދާޅުވީ، ވޭތުވެދިޔަ 32 އަހަރު ދުވަހު ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ލެފްޓިނެންޓް ޖެނެރަލް ބްރެޓް ސިލްވިއާއަށާއި އޭނާގެ އާއިލާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޖޮއިންޓް ސްޓާފްގެ ޖޭ-5 ޑިރެކްޓްރޭޓަކީ އެމެރިކާގެ ރައީސަށާއި ޤައުމީ ސަލާމަތާ ބެހޭ އިސް ވެރިންނަށް އަސްކަރީ ލަފާތަކާއި އިސްތިރާޖީ ރޭވުންތައް އެކުލަވައިލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ، އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަނަށް ސީދާ ލަފާދޭ މައި އިދާރާއެވެ.
މި ބަދަލު މި ގެނެވުނީ، އަންނަ ނޮވެމްބަރު މަހުގެ މެދުތެރޭ އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ރޭވުންތަކެއް އެކުލަވައިލަމުންދާ ކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
މީގެ ކުރިން މި މަހުގެ 1 ވަނަ ދުވަހު ވާހަކަދައްކަވަމުން ވަޒީރު ހެގްސެތު ވަނީ ހަނގުރާމައިގެ މައިދާނުގައި ހޯދޭ ކާމިޔާބީތަކާއި އިސް އޮފިސަރުންގެ އަދަދާ ސީދާ ގުޅުމެއް އޮންނަކަން ފާހަގަކުރައްވާފައެވެ. ސިލްވިއާގެ ކުރިން އެ މަޤާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް ޖޯ މެގީ ވެސް ވަނީ، ހެގްސެތުއާއި ޖޮއިންޓް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިންއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަކާ ގުޅިގެން ވޭތުވެދިޔަ އަހަރު މަޤާމުން ރިޓަޔާ ކުރައްވާފައެވެ.
ހަނގުރާމަތައް ރާވާ އެމެރިކާގެ އިސް ޖެނެރަލް މަގާމުން ވަކިކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed