އަންނަ އަހަރު ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 9.4 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ހުށަހަޅުއްވާ ދެއްވި ބަޔާނުގައެވެ.

މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، މި އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ، 7.6 ބިލިޔަން ރުފިޔާގައި ކަމަށެވެ. މިއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު %6.2 އެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭއިރު، މިއީ ޖީޑީޕީގެ ނިސްބަތުން %7.3 ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޑެފިސިޓުގެ މި އަދަދުތަކާއެކު، މި އަހަރު ޖީޑީޕީގެ ނިސްބަތުން ޕްރައިމަރީ ބެލެންސް %2.5ގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި އަދަދު އަންނަ އަހަރު ނިމެންވާއިރަށް %3.4 ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެ ކަމަށް ލަފާކުރެެވޭ އަދަދުވެސް ވަޒީރު ވަނީ ހިއްސާކޮށްފައެވެ.

އަންނަ އަހަރު ބަޖެޓު ޑެފިސިޓް 9.4 ބިލިޔަން ރުފިޔާއަށް
އަންނަ އަހަރު ބަޖެޓު ޑެފިސިޓް 9.4 ބިލިޔަން ރުފިޔާއަށް

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ހުށަހެޅުން / ފޮޓޯ: މަޖިލިސް

"2027 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެކަމަށް އަންދާޒާކުރެވެނީ 117 އިންސައްތައިގައި. އަދި 2028 ވަނަ އަހަރު އެ ޢަދަދު 116.3 އިންސައްތައަށް ތިރިވާނެ ކަމަށް ލަފާކުރެވޭއިރު، 2029 ވަނަ އަހަރަށް ދަރަނި 107.9 އިންސައްތައަށް ތިރިކުރުމުގެ އަމާޒުވެސް މި ބަޖެޓުގައި ވަނީ ކަނޑައަޅާފައި." ވަޒީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގެ އަމާޒުތަކަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، މި ހުރިހާ މަސައްކަތްތަކެއްގެ މައިގަނޑު މަޤުޞަދަކީ 2028 ވަނަ އަހަރު ނިމެންވާއިރަށް، ދައުލަތުގެ އޯވަރޯލް ބެލެންސް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން %5 އަށް ދަށްކުރުން ކަމަށެވެ. އަދި 2028 ވަނަ އަހަރު ޕީއެސްއައިޕީގެ ޚަރަދުވެސް ޖީޑީޕީގެ ނިސްބަތުން 7 އިންސައްތައަށް ދަށްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދައުލަތުގެ ބަޖެޓަށް ބޮޑެތި އަސަރުތަކެއް ކުރިމަތިވި ނަމަވެސް، މި ހިނގާ އަހަރުގެ ބަޖެޓު ޑެފިސިޓް ފާސްކުރި މިންވަރުގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ މައިގަނޑު އެއް ސަބަބަކީ، ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި މިހާރު އަމަލުކުރަމުންދާ ހަރުދަނާ ފިޔަވަޅުތައްކަން ފާހަގަކުރައްވާ، އަންނަ އަހަރުވެސް މި ފިޔަވަޅުތައް ދަމަހައްޓަމުން ގެންދާނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އެއްވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަނާޅާ އަހަރު ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް މާލީ ވަޒީރު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން އަހަރުން އަހަރަށް ދައުލަތުގެ ޑެފިސިޓް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ލޯނުތައް އަނބުރާ ދެއްކުމާއެކު ދައުލަތުގެ ފިސްކަލް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް ހިމެނެއެވެ.