އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޭ މާލީ އެހީއަށް އިކުއިޓީގެ ގޮތުގައި 750 މިލިޔަން ދޫކުރުމަށް ނިންމައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ ދާއިރާއިން 3 ބިލިޔަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ޑިމާންޑާއެކ، ސަރުކާރުން އެންމެ ފަހުން ހުޅުވާލި ސްކީމްތަކަށްވެސް 58،000އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަން ބޭނުންވެގެން ހުށައަޅާފައިއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ބަޔާން ހުށައަޅުއްވައިދެއްވަމުން މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، މި ދަތިކަމަށް ދާއިމީ ނިމުމެއް ގެނައުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން އިތުރުކުރުމުގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާ އަހަރަކަށް އަންނަ އަހަރުވެސް ވެގެންދާނެކަމަށެވެ.

"މިކަމަށް ހާއްސަކޮށް 3.0 ބިލިއަން ރުފިޔާ 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ. މި މަޝްރޫޢިން މާލެ ސަރަޙައްދުގެ ތޮއްޖެހުމަށް ވަށާޖެހޭ ޙައްލެއް ގެނެސްދޭނެ." ވަޒީރު ވިދާޅުވިއެވެ.

ބަޖެޓު 2027: ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 3 ބިލިޔަން ރުފިޔާ
ބަޖެޓު 2027: ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 3 ބިލިޔަން ރުފިޔާ

ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ފެންނަ ފޮޓޯއެއް / ފޮޓޯ އެޗްޑީސީ

އަމިއްލަ ބިން އޮވެ، ގެދޮރު އިމާރާތްކުރުމަށް ދަތިވެފައިވާ ފަރާތްތަކަށްވެސް ސަރުކާރުން މާލީ އެހީ ފޯރުކޮށްދިނުމުގެ ގިނަ ޕްރޮގްރާމްތައް ދަނީ ގެންދަމުންނެވެ. އެގޮތުން އިސްލާމީ ފައިނޭނެސްގެތެރެއިން ލުއި ލޯނު ދޫކުރުމާއި، މަލީ އިދާރާރައް މެދުވެރިކޮށް ގެދޮރު ގަތުމާއި އެޅުމަށް ނަގާ ފައިނޭންޝަލް ފެސިލިޓީތަކަށް އިކުއިޓީ ދެއްކުމަށް އެހީތެރިކަން ދިނުމުގެ ޕްރޮގްރާމް ހިމެނެއެވެ.

އިކުއިޓީ ދެއްކުމަށް އެހީވުމަށް ސަރުކާރުން ބަޖެޓުގައި ކަނޑައަޅާ މިންވަރު ވަޒީރު ވަނީ ހާމަކުރައްވާފައެވެ. މިއީ ގިނަ އާއިލާތަކެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
އިކުއިޓީގެ ގޮތުގައި ދޭ ފައިސާއަކީ، އަނބުރާ ދައްކަން ނުޖެހޭގޮތަށް ދޫކުރުމަށް ނިންމާފައިވާ ފައިސާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މީގެކުރިން ހާމަކުރައްވާފައިވެއެވެ.

"އަމިއްލަ ބިން އޮވެމެ، އެ ބިމުގައި ގެދޮރު ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ރައްޔިތުންތަކެއް ތިބިކަން އެއީ އަދުގެ ހަޤީގަތް. މިގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ އަދަދުގެ ތެރޭގައި، އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި ދޫކުރުމަށް، 750 މިލިއަން ރުފިޔާ ހިމަނާފައިވޭ." ވަޒީރު ވިދާޅުވިއެވެ.

ބަޖެޓު 2027: ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 3 ބިލިޔަން ރުފިޔާ
ބަޖެޓު 2027: ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 3 ބިލިޔަން ރުފިޔާ

ހުޅުމާލެ ފުރަތަމަ ފިހަޔަވަހީގައި 182 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ތެރެއިން. ބީއެމްއެލް މެދުވެރިކޮށް 3260 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވޭ / ފޮޓޯ: މުޙައްމަދު ވަޙީދު، ޕީއެސްއެމް ނިއުސް

ރަށްރަށުގައިވާ ހުސްބިންތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތައް ޤާއިމުކޮށް، ދިރިއުޅުމަށް ފަހި ވެއްޓަކަށް ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފަވާކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މި ހިންގާ 2026ވަނަ އަހަރު، ސަރުކާރުން ފަށާފައިވާ ހިޔާވަހި ފައިނޭނޭންސިން ފެސިލިޓިގެދަށުން، އަމިއްލަ ބިންތަކުގައި ގެދޮރު އިމާރާތްކުރުމަށް އެހީވުމަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ، 800އަށްވުރެ ގިނަ ފަރާތަށް ބީއެމްއެލް މެދިވެރިކޮށް ސަރުކާރުން ވަނީ ދޫކޮށްފައެވެ. މިއީ އިސްލާމިކް ފައިނޭންސް އުސޫލުން %5ގެ ޕްރޮފިޓް މަރޖިންގައި ދޫކުރު މާލި އެހީއެވެ.

މީގެއިތުރަށްވެސް ބޯހިޔާވަހިކަމުގެ ދާއިރާއިން، ސަރުކާރުން ފްލެޓް އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ.

އެގޮތުން މާލެ ސަރަޙައްދުގައި 4000އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، އަތޮޅުތަކުގެ 57 ރަށުގައި މަޝްރޫޢު ހިންގަން ނިންމާ، ކޮންޓްރެކްޓަރުން ފައިނަލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 2026ވަނަ އަހަރުގައި ބޮހިޔާވަހިކަމުގެ ދާއިރާއިން ކަނޑައެޅީ 2 ބިލިޔަން ރުފިޔާއެވެ.