އެމެރިކާއިން ކުރިމަތިކުރުވާފައިވާ 8 މަސް ދުވަސްވީ ހަނގުރާމައިގެ ހާލަތުގެ ނޭދެވޭ އަސަރުތަކާއެކު، އީރާނުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، އެ ޤައުމުގެ އެތައް މިލިއަން އާއިލާއެއްގެ ދިރިއުޅުން ދަތި ހާލަތަކަށް ވެއްޓިއްޖެއެވެ.
ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު 121.8 އިންސައްތައަށް އުފުލިފައިވާއިރު، އެ ޤައުމުގެ އަހަރީ އިންފްލޭޝަން ރޭޓު މިހާރު ވަނީ 73.6 އިންސައްތައަށް އަރާފައެވެ.
އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގުތައް އަތްނުފޯރާ ފަށަށް އުފުލެމުން ދިޔުމާ ގުޅިގެން، ލިބޭ އާމްދަނީން ދެކޮޅު ނުޖެއްސި، އާންމު ރައްޔިތުންނަށް ވަނީ ކާބޯތަކެއްޗާއި، ބޯހިޔާވަހިކަމުގެ އިތުރުން ތަޢުލީމަށް ކުރާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރަން މަޖުބޫރުވެފައެވެ.
ތިން މީހުންގެ މައްޗަށް އެކުލެވޭ އާއިލާއެއްގެ މަހެއްގެ މައްޗަށް ކުރަންޖެހޭ ޚަރަދު އެވްރެޖްކޮށް 336 އެމެރިކާ ޑޮލަރަށް އަރާއިރު، އާންމު މަސައްކަތްތެރިއެއްގެ މަހެއްގެ މައްޗަށް ލިބޭ އާމްދަނީ އުޅެނީ އެންމެ 92 ޑޮލަރުގައެވެ. މި ނިކަމެތި ހާލަތުގެ ސަބަބުން ގިނަ އާއިލާތަކުގެ ރައްކާކުރި ފައިސާ ހުސްވެ، ބޮޑެތި ދަރަނިތަކުގެ ތެރެއަށް ވެއްޓިފައިވާއިރު، އީރާނުގެ އިޤްތިޞާދީ ވަޒީރު ވަނީ މިކަމާ ގުޅިގެން ރައްޔިތުންގެ ކިބައިން މަޢާފަށް ވެސް އެދިވަޑައިގެންފައެވެ.
ހަނގުރާމައިގެ ހާލަތާއި، ހުރްމުޒް ކަނޑުއޮޅި ބަންދުވުމުގެ އިތުރުން، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ފައިސާ ކަމަށްވާ ރިޔާލްގެ އަގު ވަނީ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ވެއްޓިފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ޤައުމުން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ދަރިވަރުންނަށް ގެއްލި، ވިޔަފާރިތަކަށް ބޭނުންވާ މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.
މީގެއިތުރުން، ވަޒީފާ ނެތް މީހުންގެ ނިސްބަތް 9.1 އިންސައްތައަށް އަރައި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ވަނީ އެކީގައިހެން ބަންދުވެފައެވެ.
އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ މިފަދަ ބޮޑެތި ގޮންޖެހުންތަކާއެކު ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، ސަރުކާރާ ދެކޮޅަށް ޤައުމީ ފެންވަރުގެ ވަރުގަދަ މުޒާހަރާތަކެއް އަނެއްކާވެސް ފެށިދާނެ ކަމުގެ ކަންބޮޑުވުމާއި ބިރުވެރިކަން މިހާރު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އީރާނުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި ގިނަ އާއިލާތައް ދަތި ހާލުގައި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed