ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުޅާ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުން ޚާއްސަ އިސްކަމެއް ދޭނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

2027ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ ތިމާގެ ވަށައިގެންވާ މުޖުތަމަޢަށް އިހްތިރާމްކޮށް، ޤައުމުގެ ދެކެ ލޯބިވާ، އަޚްލާގީގޮތުން ވަރުގަދަ ދަރިންތަކެއް ބިނާކުރުމަކީ ޤައުމުގެ ކުރިމަގަށް އެޅޭނެ އެންމެ މުހިންމު ބިންގާ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އެފަދަ ޖީލެއް ބިނާ ކުރުމަށް ފައްޓަވާފައިވާ މުހިންމު މަޝްރޫއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު އިތުރަށް ފުޅާ ކުރަންޖެހޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އަދި "އިޚްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު"ގެ މަސައްކަތްތައްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރު ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުޅާކުރުމަށް ޚާއްސަ އިސްކަމެއް
އަންނަ އަހަރު ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުޅާކުރުމަށް ޚާއްސަ އިސްކަމެއް

"މިފަދަ ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ކުރިއަށްވުރެ ފުޅާދާއިރާއެއްގައި ގެންދިއުމަށް މި ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ. ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމަށް މި ބަޖެޓުގައި ހިމަނާފައިވާނެ. ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް ރިވެތި އަޚްލާޤާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މަތިވެރި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމަށްޓަކައި އެމަނިކުފާނު މި ދެއްވާ ޚާއްޞަ އިސްކަމަކީ، ހަޤީޤަތުގައިވެސް ވަރަށް އަގުހުރި އަދި މުޖުތަމައަށް ވަރަށް ބޭނުންތެރި ކަމެއް،" މާލީ ވަޒީރު ވިދާޅުވިއެވެ.

ޤައުމު ދެކެ ލޯބިވާ އަދި އެކަކު އަނެކަކަށް އިޙްތިރާމް ކުރާ ޖީލެއް ބިނާ ކުރުމުގެ އިތުރުން ޤައުމުގެ ހަމަޖެހުން ގާއިމުކުރުމަށް ގައުމުގެ އަމަން އަމާންކަން ދަމަހައްޓަންޖެހޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ، ކޮންމެ ސަރުކާރެއްގެ ވެސް އެންމެ މުހިންމު އެއް ޒިންމާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ޒިންމާ އަދާކުރުމަށްޓަކައި، ރަށްރަށުގެ އަމަން އަމާންކަން ބެލެހެއްޓުމަށް ރީޖަންތަކުގައި ހަދަމުންދާ ފުލުހުންގެ މަރުކަޒުތަކުން ފެންވަރު ރަނގަޅު ޚިދުމަތްތައް ދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް އަހަރެއް ވެފައިވާއިރު މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1028 ޒުވާނުން ވަނީ އަސާސީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި މިހާރު 351 ޒުވާނުން ދަނީ މި ތަމްރީނުގެ 4ވަނަ ބެޗުގައި ބައިވެރިވެ، ތަމްރީނުތައް ފުރިހަމަަ ކުރަމުންނެވެ. މި ޕްރޮގްރާމުގެ ދަށުން އަސާސީ ތަމްރީނުގެ އިތުރުން ފަންނީ ތަމްރީނުތައްވެސް ދަނީ ދެމުންނެވެ.