އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި %6.8 އަށް ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށް މާލީ ވުޒާރާއިން އަންދާޒާކުރައްވައިފިއެވެ. 2027 ވަނަ އަހަރަށާއި، އަދި މެދުރާސްތާއަށް ފިސްކަލް ސިޔާސަތުތައް ބައްޓަންކުރާނީ، ރާއްޖޭގެ އިޤްތިޞާދީ އޮއިވަރު ހިނގާގޮތާއި، ފިސްކަލް ހާލަތަށް ފުންކޮށް ބަލައި ދިރާސާ ކުރުމަށް ފަހުކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ. މި ބަޖެޓުގައި އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނެ ގޮތް ވަނީ އަންދާޒާކޮށްފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށައަޅުއްވަމުން މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް ނަޒަރު ހިންގާއިރު، ކުރިއަށް އޮތް އަހަރު ދުނިޔޭގެ އިޤްތިޞާދީ ދުވެލި ހުންނާނެކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ލަފާކުރަނީ، 3.4 އިންސައްތައިގައި ކަމަށެވެ. 2025 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދީ ދުވެލި 6.3 އިންސައްތައިގައި ހުރިއިރު، އެވުޒާރާއިން ލަފާކޮށްފައިވަނީ މިއަހަރަށް އެއަދަދު 5.3 އިންސައްތައިގައި ހުންނާނެ ކަމަށެވެ.

ނަމަވެސް މި އަހަރު ކުރިމަތިލާން ޖެހުނު އިޤްތިޞާދީ ގޮންޖެހުންތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ދުވެލި ބޮޑުތަނުން ދަށްވެ، 2026 ވަނަ އަހަރުގެ އިޤްތިޞާދީ ދުވެލި ހުންނާނެ ކަމަށް ލަފާކުރެވެނީ 0.6 އިންސައްތައާއި 1.8 އިންސައްތައާ ދެމެދުގައިކަން މާލީ ވަޒީރު ފާހަގަކުރެއްވިއެވެ.
"އެހެންނަމަވެސް ހަނގުރާމައިގެ ކުރީގެ ހާލަތަށް ރުޖޫއަވެ، 2027 ވަނަ އަހަރު އިޤްތިޞާދީ ދުވެލި 3.9 އިންސައްތައާ 6.8 އިންސައްތައާ ދެމެދުގެ ހަލުވިމިނެއްގައި ކުރިއަރައިގެންދާނެ ކަމަށް އަންދާޒާކުރެވޭ. އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު 1.0 އިންސައްތައިގައި ހުންނާނެކަމަށް ބެލެވޭ." ވަޒީރު ވިދާޅުވިއެވެ.

2027 ވަނަ އަހަރަށް ހުށައެޅި ބަޖެޓަކީ އިޤްތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓުމަންޓުތަކަށް އިސްކަންދީގެން، ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް އެކުލަވާލާފައިވާ ބަޖެޓެއްކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މި ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ބިންގާ ވަރުގަދަވެ، އާންމު ޚިދުމަތްތައް ފުޅާވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުޞަތުތައް އިތުރު ވެގެންދާނެކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.