އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ އެންމެ އިސް އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ބިންގާ އެޅުން ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 2027ގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި އިއްވެވި ބަޔާނުގައެވެ. ވަޒީރު ވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަރައްގީގެ ތަސައްވުރަށް މުހިންމު ބަޖެޓެއްކަން ފާހަގަކުރައްވާފައެވެ.

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ 2040ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ވާޞިލުވުމަށްޓަކައި ތަންފީޒުކުރަންޖެހޭ ސިޔާސަތުތަކުގެ ބިންގާ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެޅިގެންދާނެ ކަމަށެވެ. އަދި، މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭނެ ބަޖެޓަކަށް އެ ބަޖެޓު ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި އަމާޒަށް ވާޞިލުވުމަށްޓަކައި ދެމެހެއްޓެނިވި މަސައްކަތްތަކެއްކޮށް، ވަށާޖެހޭ ނިންމުންތަކެއް ކޮންމެހެން ބޭނުންތެރި ކަމަށާއި ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ބިންގާ ވަރުގަދަވެ، އާންމު ޚިދުމަތްތައް ފުޅާވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަދު ހޯދާ ކުރިއެރުމަކީ، އަންނަން އޮތް ޖީލުތަކަށް ފާގަތި އަދި ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށް މަގުފަހިކޮށްދޭނެ ކަންކަމަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓުގެ އެންމެ އިސް އަމާޒު، ތަރައްގީވެފައިވާ ގައުމަކަށް ވުމުގެ ސިޔާސަތުގެ ބިންގާ އެޅުން
ބަޖެޓުގެ އެންމެ އިސް އަމާޒު، ތަރައްގީވެފައިވާ ގައުމަކަށް ވުމުގެ ސިޔާސަތުގެ ބިންގާ އެޅުން

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު، ފޮޓޯ: މަޖިލިސް

"މި އިއްޒަތްތެރި މަޖިލީހަށް، އަޅުގަނޑު މިއަދު ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓަކީ، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ވާޞިލުވުމަށްޓަކައި އެޅޭ ބިންގަލެއް. މި ބަޖެޓަކީ އިޤްތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން، ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް އެކުލަވައިލާފައިވާ ބަޖެޓެއް،" މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 2040ގެ އަމާޒަށް ވާސިލްވުމަށްޓަކައި ތަރައްޤީގެ ސާފު މިޞްރާބެއް ކަނޑައަޅައިދޭ ޤައުމީ ތަރައްޤީގެ ޕްލޭނެއް ކަނޑައަޅައި އޭގެ ދަށުން މަސައްކަތްތައް ތަރުތީބުކުރެވިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަމަޖެހުމަކަށް ގެނެސް، ދައުލަތުގެ މާލިއްޔާ ދެމެހެއްޓެނިވި މަގަކަށް ރުޖޫޢަކުރުމުގެ ތެރެއިން، ރައްޔިތުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށާއި އިޤްތިޞާދު ވަރުގަދަކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަކީ، އެ ތަރައްޤީގެ ޕްލޭންގެ އެންމެ މުހިންމު އެއް އަސާސް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމާއި، ދައުލަތުގެ އިންވެސްޓްމަންޓްތައް ރޭވުމާއި ތަންފީޒުކުރުން ހަރުދަނާކޮށް، ދައުލަތުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ޒިންމާދާރުކަމާއެކު ބޭނުންކުރެވިގެންދާކަން ސަރުކާރުން ކަށަވަރުކުރައްވާނެކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ވޯޓަރފްރަންޓް އަދި މެރީނާ ބޭ މަޝްރޫޢަކީ 2040 ގެ ތަސައްވުރު ހާސިލް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އުފެއްދުންތެރިކަން އައު ހަރުފަތަކަށް ގެންދެވި، ދައުލަތުގެ އާމްދަނީ އިތުރުވެ، އިޤްތިޞާދު ސިންދަފާތު ކުރެވި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.